މި އަހަރުގެ ހައްޖު އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށާއި އަންނަ އަހަރު ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރިއިރު، އެކަންކަން ރަނގަޅު ކުރައްވާނެ ކަމުގެ ޔަގީންކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ.
މިފަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެ އިން 1،150 ހައްޖުވެރިން ސައުދީ އަރަބިއްޔާ އަށް ދިޔައެވެ. އެ ހައްޖުވެރިންނާ އެކުގައި ޝަހީމްގެ އިތުރުން ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހައްޖުގެ އަޅުކަމުގައި ސައުދީގައި މިވަގުތު ހުންނެވި ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފަހަރު ހައްޖުވެރިންނަށް ފެންވަރު ރަނގަޅު ދިވެހި ރަހަތަކާއެކުގައި ކާނާ ފޯރުކޮށްދެވުނު އިރު، ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށް ދެވުނު ކަމަށެވެ.
"ޑައިލަސިސް ހަދާ ފަރާތްތަކާއި ކެންސަރު ފަރުވާ ނަގާ ބައެއް މީހުން، ހިތުގެ ބަލި ހުންނަ ބައެއް މީހުން ހާޖީންގެ ތެރޭގައި ތިބި. އެންމެންނަށް އޯގާތެރިކަން ފޯރުކޮށްދެވުނު. އެޑްމިޓް ކުރި މީހުންނަށް މަތީ ދަރަޖައިގައި އޯގާތެރިކަން ފޯރުކޮށްދެވުނު،" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ފާހަގަ ކުރެއްވި ބައެއް ކަންކަން:
- މަގު އޮޅުނު 100 އެއްހާ ހާޖީންނަށް ޑިވައިޒްގެ އެހީގައި ލޮކޭޓްކޮށްގެން ގެނުވުނު.
- އަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް، ބަލި މީހުން ވެސް އަރަފާތަށް ގެންދެވުނު.
- ވީލްޗެއާއެއްގައި ގިނަ އަދަދެއްގެ ހާޖީން އުޅުނު، އެންމެންނަށް އެހީތެރިކަން ދެވުނު.
- އަރަފާތުގެ ފޭލިގޭގެ އިންތިޒާމުތައް ފުރިހަމަ.
ޝަހީމް ވިދާޅުވީ މިނާގެ ފޭލިގޭގައި ތާށިކަމެއް ހުރި ކަމަށާއި އެކަން މެދުވެރި ސަބަބުތައް ބަލައި ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ހައްޖާޖީންގެ ކަންކަމުގައި އެހީތެރިވި ހުރިހާ އެންމެންނަށް ޝަހީމް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
"ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައި. އިންޝާ ﷲ އަންނަ އަހަރަށް އެކަންކަން ރަނގަޅުކުރާނެ." ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވި ގޮތުގައި މިއީ ހައްޖު ކޯޕަރޭޝަންގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ހާޖީން ގެންދެވުނު ފަހަރު ކަމަށްވާ އިރު، ﷲ ގެ ރަހުމަތުން ހައްޖު އޮޕަރޭޝަން ކާމިޔާބުކަމީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ.
"އަމިއްލަ ކޮންޓްރޯލުން ބޭރުން އެތަން މިލިއަން މީހުންގެ ތެރޭގައި ހިނގާ މިވަރުގެ ކަމެއްގައި ކިތައްމެ ފުރިހަމަކުރަން އުޅުނަސް އުނިކަން ހުންނާނެ. އިންސާނުންނަކީ އުނިބައެއް. އެންމެ ބޮޑު އިސްކަމެއް ދިނީ ހޫނު ގަދަ މާޙައުލެއްގައި ހާޖީންގެ ސަލާމަތާއި ޞިއްޙަތާއި ރައްކާތެރިކަމަށް. ހާޖީއަކު ޠަބީއީ މަރަކުން މަރުވި. މައްޔިތާއަށް ރަޙުމަތް ލައްވާށި. އެންމެހައި ހާޖީންނަށް މަބްރޫރު ހައްޖަކަށް އެދެން. އާމީން." ޝަހީމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!