ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އެ ޤައުމުގެ ވެރީންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް، ޗައިނާގެ އައު އަހަރުގެ ތަހުނިޔާ ފޮނުއްވީ، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، ޕްރިމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް، އަދި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ މެމްބަރ އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ދަ ޕޮލިޓިކަލް ބިއުރޯ، ލީ ޗިއާންގއަށް ފޮނުއްވި ތަހުނިޔާ މެސެޖެއް މެދުވެރިކޮށެވެ.

Ad
rt

މި މެސެޖުގައި، ޗައިނާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗައް އަލިއަޅުއްވާލައްވައި، މި ގުޅުން ބިނާވެފައިވަނީ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ އިޙްތިރާމާއި އިތުބާރުގެ މައްޗަށްކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ދެ ޤައުމުން އެކުގައި މަސައްކަތްކޮށްގެން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މި މެސެޖުގައި ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން އަބަދު ވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން ވެސް ދެއްވާފައެވެ.

ރާއްޖެ އާއި ޗައިނާ އަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ޤައުމެވެ. އަދި ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ވެސް މެއެވެ.