ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް، ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިންގެ ބަޔަކު އެރިކަމަށް ބުނާ މައްސަލަ ބަލަމުން އަންނަކަމަށް ދިވެހި އަސްކަރިއްޔާއިން ބުނެފިއެވެ.

އދ. މަހިބަދޫ ''އަސުރުމާ3'' ދޯނި ރާއްޖޭގެ އިމުގެ ތެރޭގައި މަސްވެރިކަމުގައި އުޅެނިކޮށް އިންޑިއާ ސިފައިންގެ ބަޔަކު އެ ދޯންޏަށް އަރާފައިވާކަމަށާއި، އެކަން ބަލައިދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން ވަނީ މަސްވެރިކަމާބެހޭ ވުޒާރާއާއި އަދި އެމްއެންޑީއެފްގައި އެދިފައެވެ.

Ad
rt

އެ ޖަމިއްޔާއިން އެގޮތައް އެދިފައި ވަނިކޮށް، އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ ޢަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން އެމްއެންޑީއެފްއިން ބަލަމުން އަންނަކަމަށެވެ.

މަސްވެރިކަމުގައި އުޅުނު އަސުރުމާ ދޯންޏަށް އިންޑިއާ ސިފައިން އަރައިފި، މިކަން ބަލައިދީ: ބީކޭއެމްޔޫ

މިކަން ދިވެހި އަސްކަރިއްޔާއާއި، ސަރުކާރުގެ ސަމާލުކަމަށް ގެންނަމުން ބީކޭއެމްޔޫއިން ބުނެފައިވާގޮތުގައި އަސުރުމާ3 ދޯނި ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް، އެ ދޯންޏާއި އިންޑިއާގެ މަނަވަރެއްކައިރިކޮށް އިންޑިޔާ ސިފައިން އެ ދޯންޏަށް އަރާފައިވާކަމުގެ މައުލޫމާތު އެ ޖަމިއްޔާ އަށް ވަނީ ލިބިފައެވެ.

މިއާއެކު އިންޑިއާ ސިފައިން އަސުރުމާ ދޯންޏަށް އެރިއިރު ދޯނި އޮތް ސަރަހައްދު ފެންނަ ފޮޓޯ އެއް ވެސް އެ ޖަމިއްޔާއިން ވަނީ އެކްސް އާއި ފޭސްބުކްގައި ހިއްސާކޮށްފައެވެ.