ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑެރިޑާއި އަލްމޭރިއާ ބައްދަލުކުރި މެޗު ފަހަތުން އަރައި ރެއާލުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ރެއާލުން ކާމިޔާބުކުރީ އަލްމޭރިއާ ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު (3-2) ޖަހައިގެންނެވެ.
މި މެޗުގެ ފުރަތަމަ މިނެޓުގައި ރެއާލުގެ ފަހަތުން ނަޗޯ ހެދި ގޯހެއްގެ ފައިދާނަގައި އަލްމޭރިއާގެ ރޮބާޓޯން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ލަނޑުޖަހައި އެ ޓީމަށް ލީޑު ހޯދައިދިނީ ރަމަޒާނީއެވެ. މި ހާފުގައި އަލްމޭރިއާއިން ވަނީ މޮޅު ޑިފެންސިވް ގޭމެއްކުޅެ ރެއާލް ހުއްޓުވާފައެވެ. މި ހާފުގައި ލަނޑު ޖަހާނެ މާއެދެވޭ ފުރުޞަތެއް ރެއާލަށް ހޯދިފައިނުވާއިރު، މި ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައިވަނިކޮށް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ލަނޑުޖަހައި އަލްމޭރިއާއަށް ލީޑު ފުޅާ ކޮށްދިނީ އެޑްގާ ގޮންޒާލެޒްއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ވެސް ރެއާލުގެ ފަހަތުން ނަޗޯއަށް ހެދުނު ގޯހަކުން ލިބުނު ބޯޅައަކުންނެވެ.
ދެ ލަނޑުން ފަހަތުގައި އޮވެ ރެއާލުން، ދެވަނަ ހާފު ފެށީ ތިން ބަދަލަކާއި އެކުގައެވެ. މިގޮތުން މެންޑީގެ ބަދަލުގައި ފެރާން ގާސިއާ، ރޮޑްރިގޯގެ ބަދަލުގައި ހޮސެލޫ އަދި ނަޗޯގެ ބަދަލުގައި ބްރަހިމް ޑިއާޒް ކުޅެން ނެރުނެވެ. މެޗުގެ ފުރަތަމަ ލަނޑު ރެއާލުން ޖަހާފައި ވަނީ 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު ޖަހައިދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ބެލިންހަމްއެވެ. މިއީ އޭނާ ލީގުގައި ޖެހި 14 ވަނަ ލަނޑެވެ. މި ޕެނަލްޓީ ރެއާލަށް ލިބިފައިވަނީ ރެއާލުން އަލްމޭރިއާގެ އޭރިއާތެރެއަށް މަތިން ކުޅުނު ބޯޅަ ދިފާއުކުރަން މަސައްކަތް ކުރުމުގެ ތެރޭ އަލްމޭރިއާގެ ޑިފެންޑަރ ކައިކީ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެންނެވެ. ރެފްރީ މި ނިންމުން ނިންމާފައި ވަނީ ގިނަ ވަގުތުތަކެއް ވަންދެން ވީއޭއާރުން ބެލުމަށް ފަހުއެވެ.
ބެލިންހަމް ލަނޑުޖެހިތާ ފަސްމިނެޓް ފަހުން އަލްމޭރިއާއިން އުފެއްދި ކައުންޓަ އެޓޭކެއްގައި އެ ޓީމަށް ތިންވަނަ ލަނޑު ޖަހައިދިނީ އަރިބަސްއެވެ. އެ ފުރުޞަތު ތަނަވަސް ވުމުގައި އަލްމޭރިއާގެ ލޮޕީ ބެލިންހަމްއަށް ފައުލް ކުރިކަމަށް ބަލައި ވީއޭއާރުން އިތުރަށް ޗެކްކޮށް ރެފްރީ ވަނީ އެ ލަނޑު ކެންސަލް ކޮށްފައެވެ. މިކަމާއި އަލްމޭރިއާގެ ސްޓާފުންނާއި ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރިތަން ފެނިގެންދިޔައެވެ.
ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 67 ވަނަ މިނެޓުގައި ވިނީސިއަސް ޖެހި ލަނޑުންނެވެ. ރެފްރީ ވަނީ ވިނީސިއަސް އެ ލަނޑުޖެހީ އަތުންކަމަށް ބަލައި ފުރަތަމަ އެ ލަނޑު ކެންސަލް ކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ބޯޅަ ޖެހެނީ ވިނީގެ ކޮނޑުގައި ކަމަށް ބަލައި އަލުން އެ ލަނޑު ގަބޫލްކުރަން ރެފްރީ ނިންމިއެވެ.
މެޗުން ރެއާލް މޮޅުވީ އިތުރު ވަގުތުގެ ގޮތުގައި ދިން އެގާރަ މިނެޓްތެރޭ ބެލިންހަމް ބޮލުން ހުރަސްކުރި ބޯޅަ ކަރަވަހާލް ގޯލުގެ ތެރެއަށް ވައްދާލައި ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ރެފްރީގެ ނިންމުންތަކާއި ތަކުރާރުކޮށް ހިތްހަމަ ނުޖެހުން ފާޅުކުރުމުން އަލްމޭރިއާގެ ކޯޗް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
ރޭ ޖިރޯނާ ވަނީ ބޮޑުތަފާތަކުން އަމިއްލަ ދަނޑުގައި (5-1) ސެވިއްޔާ ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމްގެ ޑޯބިކް ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މި ލަނޑުތަކާއިއެކު އޭނާ ޖެހި ގޯލުގެ އަދަދު ވެސް ވަނީ 14 އަށް އަރާފައެވެ.
އެއްމެޗު އިތުރަށް ކުޅެ ޕޮއިންޓް ތާވަލުގެ އެއްވަނާގައ އޮތީ ޖިރޯނާއެވެ. އެ ޓީމަށް 21 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި ރެއާލް އޮތީ 20 މެޗުން ލިބުނު 51 ޕޮއިންޓާއި އެކުގައެވެ. ތިންވަނާގައި އޮތީ ރޭ 4-2 ގެ ނަތީޖާއިން ރެއާލް ބެޓިސް ބަލިކުރި ބާސެލޯނާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!