އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ''އިސްނަގައިގެން-ސިޔާސީ މައިދާނުގައި އަންހެނުން'' މަސައްކަތުބައްދަލުވުމުގައި ބައިވެރިވާން އެދޭ އަންހެން ބޭފުޅުންނަށް ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަސައްކަތުބައްދަލުވުމަކީ، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާން ޝައުގުވެރިވާ އަންހެނުންގެ ޤާބިލުކަން އިތުރުކުރުމަށް އެ ވުޒާރާއިން ހިންގާ މަސައްކަތުބައްދަލުވުމެކެވެ.

Ad
rt

''އިސްނަގައިގެން-ސިޔާސީ މައިދާނުގައި އަންހެނުން'' ނަމުގައި ކުރިއަށް ގެންދާ މި މަސައްކަތުބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މި ޖެނުއަރީ މަހުގެ 14 ވާ އާދީއްތަ ދުވަހު ވެރިރަށް މާލޭގައެވެ.

މި މަސައްކަތުބައްދަލުވުމުގެ މަސައްކަތް ބާއްވަން ނިންމައި، އެ ވުޒާރާއިން ބުނީ އަންހެނުންނަކީ ކުރިއަށްދާން ބޭނުން ކޮންމެ ދާއިރާއަކުންވެސް ކުރިއަށްދިއުމުގެ ޤާބިލުކަން ލިބިގެންވާ ބައެއް ކަމަށެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިފަދަ ހަރަކާތެއް ހިންގަން ނިންމިއިރު، ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކޮށް ގާބިލުކަން އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ވެސް އަންނަނީ ސިލްސިލާ ދެ ޕްރޮގްރާމެއް ހިންގަމުންނެވެ. އެއީ ''ޕްރެކްޓިސް ޕާލަމެންޓް ފޯ ޔޫތް'' އަދި '''ޕްރެކްޓިސް ޕާލަމެންޓް ފޯ ވިމެން'' އެވެ.

އަންހެނުން ބާރުވެރިކޮށް، ސަރުކާރާއި ދައުލަތް ހިންގުމުގެ ކުރީ ސަފުން ޖާގަ ހޯދައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތެކެވެ.