އުތުރުގެ 3 އަތޮޅު ޢިއްތިހާދުވެ "އުތުރު ދަރުބާރު 2020" ގެ ނަމުގައި މަހާސިންތާއެއް (މަޝްވަރާ ބައްދަލުވުން) ބާއްވަން ނިންމައިފިއެވެ.
އަންނަ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން އިންތިޒާމްކުރަނީ އުތުރު 3 އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެންނެވެ. މި މަހާސިންތާގައި ގާތްގަނޑަކަށް 250 ބައިވެރިން ބައިވެރިވާނެކަމަށް އިންތިޒާމު ކުރުމުގައި އިސްކޮން އުޅޭ އެފަރާތުން ބުނެފައިވެއެވެ.
މިބައްދަލުވުމަކީ އުތުރުގެ ސަރަޙައްދީ ވިޔަފާރީގެ ގުޅުމެއް އުފެއްދުމުގެ މަޤުޞަދުގައި، އުތުރުގެ ތިން އަތޮޅު ގުޅިގެން މަސައްކަތްކުރުމަށްޓަކައި އިއްތިހާދު ވުމުގެ މަޝްވަރާތައް ކުރެއްވުމަށްޓަކައި " އުތުރު ދަރުބާރު " ގެ ނަމުގައި ބޭއްވޭ މަހާސިންތާ އެކެވެ.
މިދަރުބާރުގައި އުތުރުގެ ތިން އަތޮޅުގެ ހުރިހާ ކައުންސިލްތައް ބައިވެރިވާނެއެވެ. ތަފާތު އެކި ދާއިރާތަކާއި ގުޅޭ ފަންސީ ދިރާސާ ހުށަހެޅި މަޝްވަރާ ކުރެވޭނެއެވެ. މިއީ، މިހާތަނަށް ސަރަޙައްދީ ފެންވަރުގައި މިގޮތަށް ބޭއްވޭ އެންމެ ބޮޑު މަހާސިންތާއަށް ވެގެން ދާނެއެވެ. އަދި، އުތުރު ސަރަޙައްދު ގައި މީހުން ދިރިއުޅޭ 44 ރަށުގައި މިބައްދަލުވުމާއި ބެހޭ މަޢުލޫމާތުތައް ޙިއްސާކޮށް އިޝްތިހާރު ކުރެވިގެން ދާނެއެވެ.
މިމަހާސިންތާގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ އުތުރު ސަރަޙައްދުގައި އެކުލެވޭ ރަށްރަށާއި އެރަށް ރަށުގެ މުޖުތަމަޢުތަކަކީ މަޢުނަވީ ގޮތުން ގުޅިފައިވާ ބަޔަކަށްވެ އިޤްތިޞާދީ ގޮތުން ކަނޑައެޅޭ ވަކި މަޤުޞަދުތަކެއް ޙާޞިލުކުރުމަށްޓަކައި ޢިއްތިހާދުވެ އެއްބާރުލާ ގުޅުމެއް އުފެއްދުންކަމުގައި އިންތިޒާމްކުރާ ފަރާތްތަކުން ބުނެފައިވެއެވެ.
އުތުރު ދަރުބާރު 2020 އިވެންޓް އޮންނާނީ އުތުރުގެ ވިޔަފާރީގެ މަރުކަޒު ކަމުގައިވާ ހދ. ކުޅުދުއްފުށީގެ އެކަމަށް ކަނޑައެޅޭ ކޮންވެންޝަން ހޯލެއް ގައެވެ. މިއިވެންޓު ގައި ހިމެނޭ ހަރަކާތްތައް 2 ދުވަހަށް ދެމިގެން ދާނެއެވެ. ފެށުމުގެ ރަސްމިއްޔާތަކާއި މަޝްވަރާ ބައްދަލުވުންތަކާއި، ވީޑިއޯ އަދި އޯޑިއޯ ޕްރެޒެންޓޭޝަންތަކާއި، ޕާރޓްނަރޝިޕް ވިޔަފާރި ބައްދަލުވުންތަކަށް ފުރުޞަތު ލިބިގެން ދާނެއެވެ. އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށާއި، ހިލޭ އެހީ އާއި ވޮލަންޓަރީކޮށް މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމާއި ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ވެސް ލިބިގެން ދާނެއެވެ.
މި މަހާސިންތާ ގައި އުތުރުގެ ތިން އަތޮޅުގެ ހުރިހާ ކައުންސިލްތަކެއްގެ ރައީސުންނާއި ޒިންމާދާރުވެރިންނާއި، ދާއިރާތައް ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރުންނާއި، ވިޔަފާރިވެރިންނާއި، ފަންނީ މާހިރުން ބައިވެރިވާނެ އެވެ.
އެހެންކަމުން، މިދަރުބާރު ވެގެންދާނީ ވަރަށް ވެސް ތާރީޚީ އަދި އެހާމެ މުހިންމު ދަރުބާރަކަށެވެ. އަދި، މީގެ އިތުރުން އޮބްޒާވަރުންގެ ގޮތުގައި ވެސް އިތުރު ފަރާތްތައް ބައިވެރި ވާނެކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!