އަންނަ އޭޕްރީލް މަހު 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބަށް ބާއްވަން ޖެހޭ އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ޓައިމްލައިން އެމްޑީޕީން މިއަދު އާންމުކުރި އިރު އެމްއާރްއެމްގެ ޓިކެޓަށް އެދެން ހުޅުވާލައިފިއެވެ.

އެމްޑީޕީން އާންމުކުރި ޓައިމްލައިންގައިވާ ގޮތުން ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ނިިންމާފައިވާއިރު، ޕްރައިމަރީއަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލަން އިއުލާން ކުރާނީ މި މަހުގެ 30 ވަނަ ދުވަހުގަ އެވެ. ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ބަންދު ވާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގައި ކަމަށް އެމްޑީޕީގެ ޓައިމްލައިންގައި އެވެ.

Ad
rt

އަންނަ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޚުވާލައި، ޝަކުވާ ހުށަހަޅަން ތިން ދުވަހުގެ މުއްދަތުދީ، އަންނަ މަހުގެ 15 ވަނަ ދުވަހު ފައިނަލް ވޯޓާސް ލިސްޓު އާންމުކުރާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.

އެ ޕާޓީން ބުނެފައިވާ ގޮތުގައި އެ ޕާޓީގެ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތާއި ވާދަކުރުމުގެ ފުރުސަތު ވެސް ލިބޭނީ މި އަހަރުގެ ނިޔަލަށް އެ ޕާޓީގެ މެންބާޝިޕްގައި ތިބޭ މެންބަރުންނަށެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި އެމްއާރުއެމްގެ ޓިކެޓުގައި ވާދަ ކުރުމާ ގުޅޭގޮތުން އެމްއާރްއެމުން ނެރުނު ބަޔާނެއްގައި ބުނީ 2020 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްއާރްއެމްގެ ފަރާތުން ވާދަ ކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެކަމަށް އެދޭ ފަރާތްތަކުން ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ނަންބަރާއި ވާދަ ކުރަން އެެދޭ ކައުންސިލްގެ ނަން ޖެއްސެވުމަށް ފަހު އެ ޕާޓީއާއި ހިއްސާ ކުރަން ވެސް އެދިފައި ވެއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރަން ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 33 ޕަސެންޓް ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ.