އެފްރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން ކޮންމެ އަހަރަކު އެއްފަހަރު ހޮވާ އެފްރިކާ ބައްރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އިޓަލީގެ ނަޕޯލީއަށް ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސީމެން ހޯދައިފިއެވެ.
ފާއިތުވި އަހަރުގެ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފުރަތަމަ ފަހަރަށް އޮސީމެން ހޯދިއިރު، އޭނާގެ ފަހަތުން މި މަގާމަށް ވާދަކޮށްފައި ވަނީ ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ މުހައްމަދު ސަލާހް އާއި ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީއެވެ. މިއީ 1999 ވަނަ އަހަރު ނައިޖީރިއާގެ ކާނޫ މި އެވޯޑް ހޯދިފަހުން އެ ގައުމުގެ ކުޅުންތެރިއަކު މި އެވޯޑް ހޯދި ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރުގެ އެފްރިކާގެ އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ވެސް ނައިޖީރިއާގެ ކުޅުންތެރިއެކެވެ. މި އެވޯޑް ބާސެލޯނާގެ އަންހެން ޓީމަށް ކުޅެމުން އަންނަ އޮޝޯލާ ހޯދިއިރު، މިއީ މި އެވޯޑް އޭނާ ހޯދި ހަވަނަފަހަރެވެ.
އުމުރުން 24 އަހަރުގެ އޮސީމެން މިދިޔަ ސީޒަންގައި ވަނީ ނަޕޯލީގައި މޮޅު ކުޅުމެއް ދައްކާފައެވެ. 33 އަހަރަށް ފަހު ނަޕޯލީން އިޓާލިއަން ލީގު ކާމިޔާބުކުރި އިރު އޭނާގެ ދައުރު ބޮޑެވެ. އޭނާ ވަނީ ލީގުގައި މިދިޔަ ސީޒަންގައި ކުޅުނު 32 މެޗުގައި 26 ލަނޑު ޖަހާފައެވެ. މިދިޔަ ސީޒަންގެ އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވިފައި ވަނީ އޭނާއެވެ.
އަންނަ އަހަރު އޮންނަ އެފްރިކަން ނޭޝަންސް ކަޕަށް ނައިޖީރިއާ ކޮލިފައިވެފައިވާއިރު، ކޮލިފައިންގައި އޮސީމެން ކުޅުނު ހަތަރު މެޗުގައި އޭނާ ވަނީ ގައުމީ ޓީމަށް ފަސް ލަނޑު ޖަހައިދީފައެވެ.
އެންމެ މޮޅު ކޯޗުގެ މަގާމް މޮރޮކޯގެ ކޯޗް ވަލީދު ހޯދިއިރު މިދިޔަ އަހަރު އެންމެ މޮޅު ޓީމަކަށް ހޮވުނީ މޮރޮކޯއެވެ. މޮރޮކޯއިން ވަނީ ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅެފައެވެ. ތިންވަނަ ހޮވާ މެޗުގައި ކްރޮއޭޝިއާ އަތުން ބަލިވުމާއިއެކު އެ ޓީމަށް ލިބުނީ ހަތަރު ވަނައެވެ. އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމް ލިބުނީ މޮރޮކޯގެ ކީޕަރ ޔާސިން ބޯނޯއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!