ކްރިސްޓިއާނޯ ރޮނާލްޑޯ މި އަހަރު 50 ވަނަ ލަނޑުޖެހި މެޗުން އަލް ނަސްރު މޮޅުވެއްޖެއެވެ.

ރޭ ކިންގް ކަޕް ކްއާޓާ ފައިނަލުގައި އަލް ނަސްރާއި އަލް ޝަބާބް ބައްދަލުކުރި މެޗު 5-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ނަސްރުން ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.

Ad
rt

ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖެހީ ނަސްރުންނެވެ. މި ލަނޑު 17 ވަނަ މިނެޓުގައި ޖަހައިދިނީ ފޮފާނާއެވެ. އޭގެ ހަތް މިނެޓް ފަހުން ޝަބާބުގެ ކަވާލިއޯ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކުރި ނަމަވެސް 28 ވަނަ މިނެޓުގައި މާނޭ ލަނޑު ޖަހައި ނަސްރަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދިނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަސްރަށް ލީޑު ފުޅާކޮށްދިނީ ގަރީބް އެވެ.

ނަސްރުގެ ހަތަރުވަނަ ލަނޑު 74 ވަނަ މިނެޓުގައި އޮޓާވިއޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖެހީ ރޮނާލްޑޯއެވެ. މިއީ އޭނާ މި ސީޒަންގައި ޖެހި 26 ވަނަ ލަނޑެވެ. ސައުދީ ލީގުގައި މި ސީޒަންގައި މިހާތަނަށް ކުޅުނު 15 މެޗުގައި އޭނާ ވަނީ 16 ލަނޑު ޖަހާފައެވެ. ލީގުގެ ޓޮޕް ސްކޯރާގެ މަގާމުގައި ވެސް މިވަގުތު އޮތީ ރޮނާލްޑޯއެވެ.

ޝަބާބްގެ ދެވަނަ ލަނޑު މެޗުގެ ފަހު މިނެޓްގައި ޖަހައިދިނީ ހައްތާންއެވެ. އިތުރުވަގުތުގެ ފަހު ވަގުތު ނަސްރުގެ ފަސްވަނަ ލަނޑު ޖެހީ މާނޭގެ އެހީތެރިކަމާއިއެކު މައްރަންއެވެ.

މީގެ ތިން ދުވަސްކުރިން ރޮނާލްޑޯ ވަނީ އޭނާގެ ކެރިއާގައި 1200 ވަނަ މެޗު ކުޅެފައެވެ. އެ މެޗުގައި ވެސް އޭނާ ވަނީ ލަނޑެއްޖަހައި ލަނޑެއް ޖަހަން އެހީތެރިވެދީފައެވެ.