އަންނަ އަހަރަށް ލަފާކުރާ ދައުލަތު ބަޖެޓް އެކުލަވާލުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން މަސައްކަތް ކުރާނެ ކޮމިޓީއެއް އުފައްދަވައިފިއެވެ.
މިކަން ހާމަކުރެއްވީ އިންތިގާލީ މަރުހަލާގެ ތަތުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައެވެ.
އޭނާ ވިދާޅުވީ އެ ކޮމެޓީ އެކުލަވައިލާ، މިހާރުވަނީ މަސައްކަތް ފަށާފައި ކަމަށެވެ. އަދި މިއީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ކަމަށެވެ.
އެހެންނަމަވެސް އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ނަމެއް ހާމައެއް ނުކުރައްވައެވެ.
އެ ކޮމިޓީގެ މަސައްކަތަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށާއި އެގޮތުން ދައުލަތުގެ މިހާރުގެ ފިޒިކަލް ހާލަތާއި 2024 ވަނަ އަހަރަށް ލަފާ ކުރާ ހާލަތާ ގުޅޭ ތަފުސީލީ މައުލޫމާތު ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގައި އިންތިހާބީ ރައީސް މުއިއްޒަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވާފައިވާކަން ފާހަގަ ކުރަައްވާ އޭނާ ވިދާޅުވީ އެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވެސް ދެއްވާފައިވާ ކަމަށެވެ.
ފިރުޒުލް ވިދާޅުވީ ފުރަތަމަ 100 ދުވަހު އިސްކަންދޭނެ ކަންކަން ވެސް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރިއަށް ދާތީ، އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ބަޖެޓްގައި ހިމަނާނެ ކަންކަމުގެ ތަފްސީލް މިވަގުތު ދެވެން ނެތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!