ޚަބަރުފަތުރާ ހުރިހާ ވަސީލަތްތަކަކީ އަމާނާތްތެރި ވަސީލަތަކަށްވާންޖެހޭ ކަމަށާއި ހަމަޖެހުން އޮންނާނީ މީޑިއާގެ ދައުރު ޒިންމާދާރުކަމާއެކު އަދާކޮށްގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނީ މީޑިއާ ވާންޖެހޭނީ ތެދުވެރި ބިނާކުރަނިވި ބާރަކަށް ކަމަށާއި މީސްތަނުންނަށް ހަގީގަތް ބަޔާންކޮށްދޭ މާތް ރަސްކަލާނގެއަށް ބިރުވެރިވާ ފަރާތަކަށް ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެއީ ދޮގު ޚަބަރުތައް ފަތުރައި މީހުން ހިތްތަކުގައި ބިރުވެރިކަން ވައްދާ ވަސީލަތަށް ވެގެން ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
"އަމަން އަމާންކަމުގެ ނިއުމަތް" މައުޟޫއަށް މުޅި ރާއްޖޭގައި ދިން ހުކުރު ހުތުބާގައި ބުނީ ޚަބަރުތައް ފެތުރުމުގައި އާއްމު ރައްޔިތުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ވެސް ހުންނަ ކަމަށެވެ. އަދި ތެދު ދޮގު ނުބަލައި މީހަކު ފަތުރާ ކޮންމެ ވާހަކައެއް ނުވަތަ ޚަބަރެއް އިތުރަށް ފަތުރާ ބަޔަކަށް އަހަރެމެން ވެގެން ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން ހުތުބާގައި ބުނީ ރަނގަޅު ރައުޔެއް ދެވޭނީ އެކަމުގެ ތަޖުރިބާކާރުންނަށް ކަމަށާއި ކޮންމެ ޓްވީޓަކަށް ޖަވާބުދޭ މީހަކަށް ނުވުމަށް ނަސޭހަތްތެރިވެ، ހުތުބާގައި ބުނީ މިފަދަ ޓްވީޓުތަކާއި ވައިބަރ ޗެޓްތަކާއި ފޭސްބުކްގެ ލައިކްތަކުގެ ސަބަބުން މުޖުތަމައުގައި ހަމަނުޖެހުންތައް ހިންގަމުންދާތަން ފެންނަ ކަމަށެވެ. އަދި މީސްތަކުންގެ ހިތްތަކުގައި ނަފްރަތާއި ނުރުހުން އުފެދޭ ކަމަށާއި އެހެންކަމުން މިފަދަ ކަންކަމުން ދުރުވުމަށް ހުތުބާގައި ވަނީ ގޮވައިލާފައެވެ.
ކޮންމެ މުޖުތަމައަކަށް ވެސް އުޖާލާ މުސްތަގުބަލެއް ލިބުން އޮތީ އެބައެއްގެ މެދުގައި އޮންނަ އަމަންއަމާންކަމާއި ހަމަޖެހުމުގެ މައްޗައްކަން ފާހަގަކޮށް، މާތް ރަސްކަލާނގެ ދެއްވާފައިވާ ނިއުމަތްތަކުގެ ތެރެއިން އަމަންއަމާންކަމާއި ހަމަޖެހުމާއި ނުލައި ހަޔާތުގެ އެއްވެސް އުފަލެއް އިހުސާސެއް ނުކުރެވޭނެ ކަމަށް ވެސް މިއަދުގެ ހުކުރު ހުތުބާގައި ބުންޏެވެ. އަދި އެއީ ކެއިންބުއިމަށްވުރެ ވެސް މުހިންމު ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!