އެމްޑީޕީގެ ސަރުކާރުން ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލުތައް ބަލާނީ ކުރިއަށް ދާންކަމަށާއި، ރާއްޖެ އަޅުވެތިވެކަމަށް ދާކަހަލަ ކަމެއް އޮތްނަމަ، އެކަން ބަދަލުކޮށް އެ މަޝްރޫއެއް ހުއްޓާނުލާ ކުރިއަށް ގެންދަވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ސަލްޓަން ޕާކުގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުގައި ހުރި އަޑި ނޭނގޭ ކަންތައްތައް ބަލާ ރައްޔިތުނަށް ހިތްހަމަޖެހުން ގެނެސްދެއްވާނެ ކަމަށެވެ. އަދި އެ މަޝްރޫތަކުގެ ތަފްސީލްތައް ބަލަނީ އެކަން ކެންސަލް ކުރާކަށް ނޫން ކަމަށާއި، ބޭނުމަކީ ކުރިއަށްދިއުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ނަމަވެސް މިހާރު ވާގޮތަކީ ތަރައްގީގެ މަޝްރޫއެއް ހިންގުމަށްވާ އެއްބަސްވުމުގައި ވެސް އޮންނަ މާއްދާއެއް ހާމަކުރަން ވެއްޖެއްޔާ ހާމަކުރުމަށް ދެކޮޅު ހަދާ އެބަ، ސްޕްރީމް ކޯޓާއި ހަމައަށް ދާންޖެހޭ އެބަ. ދެން މި ދަންނަވަނީ އެ މައުލޫމާތު ހާމަ ކޮށްފިއްޔާ މި ގައުމަށް ކާޑުގެ ބާވަތްތައް ހޯދުމަށް ދަތިވެއޭ" މުއިއްޒު ވިދާޅުވިއެވެ.
ހަމައެހެންމެ މުއިއްޒު ވިދާޅުވީ އިންޑިޔާއާއި އެކު ރާއްޖެ އިން ގާއިމުކޮށްފައިވާ އެއްބަސްވުންތަކުގައި ހަގީގަތް ނޭނގޭ ކަމެއް އޮތިއްޔާ އެކަންކަން ސާފުވާން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރެއްގެ ތެރޭގައި ރައްޔިތުންނަށް ފޮރުވިފައި އެއްވެސް ކަމެއް އޮންނަންވާނެ ކަމަކަށް ގަބޫލް ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
" ސީދާ ޑިފެންސާއި ގުޅިގެން ހުންނަ ވަރަށް މުހިންމު ގައުމީ ސަލާމަތާ ބެހޭ ކަންކަން އަބަދުވެސް އޮންނާނެ، އެކަންކަމުގެ ވާހަކައެއް ނޫން މި ދައްކަނީ" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެއްވެސް މަޝްރޫއެއް ބާތިލްކުރުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި، ރައްޔިތުންނަށް ފައިދާވާ ގޮތަށް ހަދާފައިހުރި އެއްވެސް އެއްބަސްވުމެއް ބާތިލް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދޭކަމަށެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާތެރިވާ ކަމެއް ނުވަތަ ގައުމު އިގްތިސޯދީ ގޮތުން އަޅުވެތިކަމުގެ ތެރެއަށް ދާ ކަހަލަ ކަމެއް އޮތިއްޔާ އެކަމެއް ބަދަލުކޮށްފައި އެއްބަސްވުމާއެކު ކުރިއަށްދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!