ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަށް އާންމުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުގައި ބޭނުންކުރާނެ ވޯޓު ކަރުދާހުގައި އޮންނަ އިބާރާތް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ނިޒާމީ ވޯޓު ނެގުމަށް މަޖިލީހުން ފުރިހަމަކުރަންޖެހޭ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށެވެ.

Ad
rt

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ މަހު އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށް ގޮވައިލާ، މަޖިލީހުން ވަނީ ގަރާރެއް ފާސްކުރައްވާފައެވެ. އަދި އެ ގަރާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވާފައެވެ.

އެހެން ނަމަވެސް އީސީ އިން ވަނީ އެ ގަރާރުގައި ގާނޫނީ ސުވާލުތަކެއް ހުރިކަމަށް ބުނެ އެކަންކަން ސާފުކުރުމަށް އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ.

އެ ކޮމިޝަނުން ވިދާޅުވެފައިވަނީ މަޖިލީހުން ފާސްކޮށް އެކޮމިޝަނަށް ފޮނުވި ގަރާރުގައި، ރައްޔިތުންގެ ގާތު އަހަންވީ ކޮން ސުވާލެއްކަން ސާފުނުވާ ކަމަށާއި އެ ވޯޓު ނެގުމަށް ޚަރަދުވާނެ ފައިސާ ވެސް ހަމަޖެހިފައިނުވާތީ އެކަންވެސް ސާފުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގައި ދަންނަވާފައިވާ ކަމަށެވެ.

ނިޒާމީ ވޯޓު ނެގުމަށް 40 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އީސީ އިން ލަފާކުރައްވާފަައިވާއިރު، މިކަމާއި ގުޅިގެން ނަޝީދު މިއަދު ވިދާޅުވީ އެކަމަށް 10 މިލިއަން ރުފިޔާ ވެސް ޚަރަދުވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެއީ ރިޔާސީ އިންތިޚާބަށް އޮފިޝަލުން ނަގައިނިމި، އެހެން ތައްޔާރީތައް ވެސް ވެފައި އޮތުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިއީ ނިޒާމީ ވޯޓު ނަގަންވީ ވަގުތު ކަމަށް ވެސް ނަޝީދު ވަނީ ތަކުރާރުކޮަށް ވިދާޅުވެފައެވެ.