ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން މިއަދު ނިންމައިފިއެވެ.
މިގޮތައް ނިންމީ މިހާރު ކުރިއަށްދާ އެ ޕާޓީގެ 160 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ.
ތިން ގަޑިއިރާއި ބަޔަށް ދެމިގެން މިއަދުގެ ކައުންސިލް ބައްދަލުވުމުގައި ދެވަނަ ބުރެއްގައި ޖޭޕީން ކުރިއަށްދާނެ ގޮތަކާމެދު ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
މި މަޝްވަރާއަށްފަހު ފްލޯ ހުޅުވާލުމުން ޖޭޕީގެ ސްޕެޝަލް އެޑްވައިޒަރ އަބުދުﷲ ނަވާޒު ވަނީ ދެވަނަ ބުރުގައި އެއްވެސް ބަޔަކާއެކު ކޯލިޝަން ނަހަދައި ޕާޓީ ނިއުޓްރަލްކޮށް އޮންނަން ހުށަހަޅާފައެވެ. އެއަށްފަހު ޕާޓީގެ ކައުންސިލުން ވަނީ ދެވަނަ ބުރުގައި ޕާޓީން ޢަމަލު ކުރާނެ ގޮތަކާމެދު ގޮތް ނިންމުމުގެ އިޚްތިޔާރު ޕާޓީގެ ލީޑަރު ޤާސިމަށް ދީފައެވެ. އެ އިޚްތިޔާރުގެ ދަށުން ޤާސިމް ވަނީ ނަވާޒު ހުށަހެޅިގޮތައް ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާފައެވެ.
ޖޭޕީން ވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކޮށްފައެވެ. އެ ޕާޓީން ވާދަކުރީ ލީޑަރު ޤާސިމް އިބްރާޙީމް އެވެ.
މިމަހު 9 ވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބީ އާއި ކުރިމަތިވި ޖޭޕީގެ ތާއީދު ހޯދުމަށް، ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުން ވެސް ވަނީ މަސައްކަތް ކުރައްވާފައެެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖޭޕީން ގޮތެއް ނިންމުމަށް ކައުންސިލް ބައްދަލުވުން ބޭއްވުމުގެ ކުރިން އެ ޕާޓީގެ ލީޑާޝިޕް ބޭފުޅުންނާ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވަނީ ވަކިވަކިން ބައްދަލުކުރައްވައި އެ ބޭފުޅުންގެ ޚިޔާލު ހޯއްދަވާފައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!