ދޮގު ހަބަރުތަކުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރެއްވި ޓްވީޓްތަކުން މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ދެ ކިލޯ ހިއްކާލެވިފައިވާ ކަމަށް ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ޗައިނާ ސަފީރު ޖަންގް ލިޖޮންގް މިހެން ވިދާޅުވީ ސަފީރުގެ ބަރުދަން އެނގޭނެހެން ކައްޓާއެއްގެ ފޮޓޯއާއެކު ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ސަފީރުގެ ޓްވީޓްގައި މިފަހަރު ވިދާޅުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެ ކިލޯ ހަށިގަނޑުން ހިކިފައިވާ ކަމަށާ އެކަމަށް ތައުރީފުކޮށް ބައެއް މީހުން އެކަމުގެ ސިއްރަކީ ކޮބައިތޯ ސުވާލު ކުރަމުންދާ ކަމަށެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ސަފީރު ވިދާޅުވީ ދެ ކިލޯ ހިއްކާލެވުނީ ދޮގު ހަބަރުތަކަށް ރައްދު ދިނުމަށް ކުރެއްވި ޓްވީޓްތަކުގެ ސަބަބުން ކަމަށެވެ.

އަދި ރާއްޖެއާއި ޗައިނާ ދެމެދު އޮތް ގުޅުމާއި ބެހޭ ގޮތުން ސައްހަ މައުލޫމާތުތައް އާންމުންނާއި ހިއްސާކުރުމަކީ ދޮގު ހަބަރު ފަތުރާ މީހުންނާ ދެކޮޅަށް ކުރެވޭ ހަނގުރާމާގައި މޮޅުވެވޭނެ ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ފަހަކަށް އައިސް ޗައިނާ ސަފީރު ވަނީ އެކި ފަހަރު މަތިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޗައިނާއާއި ގުޅޭގޮތުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ބައެެއް ފަހަރު ވަރަށް ހޫނުކޮށް އެމަނިކުފާނު ވަނީ ބަހުގެ ހަމަލާތައް ދެއްވާފައެވެ.

ނަޝީދު ގެންދަވަނީ ދޭތެރެ ދޭތެރެއިން ޗައިނާއާ ގުޅޭގޮތުން އެކި ވާހަކަތައް ދައްކަވަމުންނެވެ. ވަކިން ހާއްސަކޮށް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުތަކުގައި އެ ފަދަ ވާހަަކަތައް ތަކުރާރުކޮށް ދައްކަވައެވެ. މީގެ ކުރިން ޗައިނާ ރުޅި އަންނަ ޒާތުގެ ވާހަކަތައް ދައްކަވާ ރައީސް ނަޝީދު ދައްކަވާ ކޮންމެ ފަހަރަކު ޗައިނާ ސަފީރު ރައްދު ވެސް ދެއްވައެވެ.