މަޝްރޫއުތަކުގެ ތަފްސީލާއި ރަށްރަށުގެ މައުލޫމާތު އެނގޭނެ ވެބްސައިޓެއް އިފްތިތާހްކޮށްފި އެވެ.
ސަރުކާރުން ހިންގާ މަޝްރޫއުތައް ދެފުށް ފެންނާނެ ގޮތަކަށް ހިންގުމަށްޓަކައި އެ މަޝްރޫއުތަކުގެ މައުލޫމާތު އާއްމުކޮށް ލިބޭނެ ވެބްސައިޓް އިފްތިތާހްކުރީ މިއަދު އެވެ.
ދިވެހި ބަހުން މަޢުލޫމާތު އާންނުކޮށްފައިވާ މިވެބްސައިޓަކީ ސަރުކާރުގެ މުއްސަސާތައް ޖަވާބުދާރީ ކުރުވުމަށް މަގުފަހި ކުރުމަށް ލޯންޗުކުރި މި ވެބްސައިޓަކީ ރައީސް އޮފީހުން އިސްނަގައިގެން ތައްޔާރު ކޮށްފައިވާ ވެބްސައިޓެކެވެ.
މި ވެބްސައިޓާ ބެހޭ މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޕޮލިސީ ސެކްރަޓަރީ އައިމިނަތު ޝައުނާ ވިދާޅުވީ ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކާއި އެކަމުގެ މައުލޫމާތު އާއްމު ރައްޔިތުންނަށް ވީހާ ވެސް ފަސޭހަ އިން ފެންނާނެ އިންތިޒާމް ހަމަޖައްސަން ސަރުކާރުން ބޭނުންވާ ކަމަށެވެ. މި ވެބްސައިޓުން، ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުގެ ހަރަދާއި މަސައްކަތް ގޮސްފައިވާ ހިސާބުގެ އިތުރުން، އެހެނިހެން މައުލޫމާތު ވެސް ތަފްސީލް ގޮތެއްގައި އޮޅުންފިލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މި ވެބްސައިޓް މެދުވެރިކޮށް ރަށްރަށާއި އަތޮޅުތަކުގެ އިގްތިސާދީ، އިޖްތިމާއީ އަދި އާބާދީ އާއި އެހެނިހެން މައުލޫމާތު ވެސް ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި، ސިނާއީ ރަށްރަށުގެ އަދަދާއި އެއާޕޯޓުގެ އަދަދާއި މަސްވެރިކަމާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގެ މައުލޫމާތު ހިމެނެ އެވެ.
ހަމަ އެއާ އެކު، 2019 ވަނަ އަހަރު އަދި 2020 ވަނަ އަހަރުގެ ބަޖެޓުގައި ކޮންމެ ރަށަކަށް ކަނޑައަޅާފައިވާ ހުރިހާ ޕީއެސްއައިޕީ ޕްރޮޖެކްޓަކާއި އެ ޕްރޮޖެކްޓުތަކުގެ ފަންޑިން އެޖެންސީ އަކީ ކޮބައި ކަމާއި ކޮންމެ ރަށެއްގެ އިންތިހާބުވެފައިވާ ކައުންސިލަރުންގެ މައުލޫމާތާ އަދި ކޮންމެ ދާއިރާއެއްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައުލޫމާތު ވެސް މި ވެބްސައިޓުން ފެންނާނެ އެވެ.
ކުރިއަށް އޮތް ތަނުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ގުޅިގެން، ރަށެއްގެ އިގްތިސޯދީ ހިސާބުތައް ވެސް ވެބްސައިޓުން ފެންނާނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝައުނާ ވިދާޅުވި އެވެ.
މި ވެބްސައިޓްގެ އެޑްރެހަކީ www.isles.gov.mv އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!