ދިވެހިންގެ މިނިވަންކަމަށްވުރެ އިސްކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ވެރިކަމާއި ހަވާލުވުމަށްފަހު، މިނިވަންކަމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ސާބިތުކަމާއިއެކު ކުރައްވާނެ ކަމަށެވެ. އަދި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަކީ ދިވެހި ރައްޔިތުންގެ ވާޖިބެއް ކަމަށެވެ.

Ad
rt

ޗާގޮސް މައްސަލައަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވީ އިޓްލޮސް އިން ނިންމި ނިންމުމުގައި ސަރުކާރުން އަމަލު ކުރި ގޮތަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރެއްވި ކަމެއްކަމަށެވެ.

ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭގޮތަށް އިޓްލޮސް އިން ނިންމާފައިވާިއރު، މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ.

މިއީ ލިބުނު ކާމިޔާބެއްކަމަށް ސަރުކާރުން ބުނިނަމަވެސް މިއީ ބޮޑު ޖަރީމާއެއްގެ ގޮތުގައި މުއިއްޒު ވަނީ ސިފަ ކުރައްވާފައެވެ.

އޭނާ އިތުރަށް ވިދާޅުވީ މިކަނޑުގެ ސަރަހައްދު ހޯދައި ދެއްވުމަކީ ކުރައްވާނެ ކަމެއް ކަމަށާއި ގާނޫނުއަސާސީއާއި ގާނޫނުތަކާއި ހިލާފަށް ކުރާ އެއްވެސް ކަމަކީ ދިވެހި ރައްޔިތުން ޖާގަ ދޭނެ ކަންކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުން ގެނެވޭނީ މިނިވަން ދައުލަތެއް އޮވެގެން ކަމަށާއި އެކަން ކުރެވޭނީ މިނިވަން ކަމާއިއެކު ތިބެވިގެން ކަމަށް ވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ވަނީ ވިދާޅުވެފައެވެ.