ދަ ޑިމޮކްރެޓްސް ގައި ހުންނެވުމަށްފަހު އަލުން އަނބުރާ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ގުޅުމަށް ހެދި ޑީލަކީ އެއް ބިލިއަނަށް ވުރެ މަތީގެ ޑީލެއް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
މި ބަދަލުގެ ސަބަބުން ލިބޭ މިންވަރު އެއް ބިލިއަނަށް ވުރެ މަތިވާނެކަން ހާމަކުރައްވާ ކުޅުދުއްފުށީ އެމްޑީޕީ މެމްބަރުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ ކުނި މެނޭޖުކުރުމުގެ މައްސަލައަކީ އެ ސިޓީގެ ޒަމާންވީ މައްސަލައެއް ކަމަށެވެ.
އެކަމުގެ ސަބަބުން ރައްޔިތުން އެތައް ތަކުލީފެއް އުފުލަމުންދާ ކަމަށާއި ކަސްރަތުކުރާ މީހުން ކަސްރަތު ކުރަނީ ދުމުގެ ތެރޭގައި ކަމަށާއި އެތައް ދަރިވަރުންނެއް ކިޔަވާ ސްކޫލެއް ވެސް ހުރީ ޖެހިފައިކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ޕާކާއި އާޓިފިޝަލް ބީޗު ވެސް އޮތީ ޖެހިފައިކަން ވެސް ފާހަގަ ކުރެއްވިއެވެ.
އާތިފް ވިދާޅުވީ މި ޑީލުގެ ތެރެއިން އެ ސިޓީގެ ކުނި މެނޭޖު ކުރުމަށް ވެމްކޯ އާއި ހަވާލުކުރީ ކަމަށާއި އެއީ ގޯސް ޑީލެއް ކަމަށްވާނަމަ، އެކަން ނިންމާނީ ރައްޔިތުން ކަމަށެވެ. އަދި އިންތިހާބުގެ ކުރިން އެ ސިޓީއަށް 1000 ހައުސިން ޔުނިޓު ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ބަޔަކާ ހަވާލު ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެ ސިޓީގެ ގޭބިސީތަކުން ނަރުދަމާ އަށް ނަގާ 30 ރުފިޔާ ކަނޑާލައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށާއި އެކަން ކޮށްދެއްވާނީ އިންތިހާބުގެ ކުރިން ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެއީ ގޯސް ޑީލެއް ވިއްޔާ ގޯސް ކަމަށް ވެސް ވިދާޅުވިއެވެ.
އެޑީލަށް މިއަދު ނޫނެކޭ ބުނެފިއްޔާ އެ ވެވެނީ ކުޅުދުއްފުއްޓަށް ބޭވަފާތެރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިހާރުއޮތް ސިޔާސީ މަސްރަހުގައި ކިރިޔާވެސް ފެންނަނީ ދެ ކެންޑިޑޭޓެއް ވާދަކުރައްވާތަން ކަމަށާއި އެގޮތުން ރައީސް ސާލިހާ ކިރިޔާ ވެސް ވާދަކުރައްވާނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.
އެެހެންކަމުން ރައްޔިތުން ވިސްނަންވީ ދާންވީ އެމްޑީޕީ އަށް ތޯ ނޫނީ ޕީޕީއެމް އަށް ތޯ ކަމަށާއި އިތުރު އެއްވެސް ވިސްނުމެއް ނެތް ކަމަށް ވެސް އާތިފް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!