ގިނަ ހިދުމަތްތަކާއެކު "އީ ޓުކުރި" މޯބައިލް އެޕްލިކޭޝަން ލޯންޗުކޮށްފިއެވެ.

މި އެޕްލިކޭޝަން ލޯންޗުކޮށްފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއެވެ.

Ad
rt

"މީރުމާ" ގައި ބޭއްވި މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ މެނޭޖިން ޑިރެކްޓާ އާދަމް މުހައްމަދު ވަނީ ޕޯސްޓުގެ ދާއިރާއިން ރާއްޖެ ވެސް ކާމިޔާބީތަކެއް ހޯދަމުން އަންނަކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ވެސް ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމުގައި އެ ކުންފުނިން ތިބޭނެ ކަމަށެވެ.

އީ-ޓުކުރި އެޕް ލޯންޗް ކުރި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ޕޯސްޓް އޮފީސް

މުޅި ދުނިޔޭގައި ވެސް ޕޯސްޓްގެ ޚިދުމަތް ފުޅާވަމުން އަންނަކަން ފާހަގަކުރައްވައި އޭނާ ވަނީ އީއެމްއެސްގައި ދުނިޔޭގައި އެންމެ ކުރިއަރާފައި އޮތް 6 ގައުމުގެ ތެރޭގައި 172 ގައުމާއި ވާދަކޮށް އެ ކުންފުނިން ގޯލްޑް މެޑަލް ހޯދާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެ ހިދުމަތުގައި އެ ލެވެލް ގައި ދެމިތިބޭނެކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.

އީޓުކުރި މޯބައިލް އެޕްލިކޭޝަންގައި އެންމެ ހާއްސަ ފީޗަރއެއްގެ ގޮތުގައި ކޮމިއުނިޓީ އޮންލައިން ޝޮޕް ހިމަނާފައިވާއިރު، މިއީ ކޮންމެ ރަށަކަށް ހާއްސަ އޮންލައިން ފިހާރަ ކޮންސެޕްޓެއްގައި އެރަށެއްގެ އުފެއްދުންތެރިންގެ އުފެއްދުންތައް ގަނެ ވިއްކުމުގެ ފުރުސަތު ލިބިގެންދާ ފީޗާރއެކެވެ.

ގޭގައި ތިބެގެން ތަފާތު އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކުގެ އުފެއްދުންތަކުގެ ފޮޓޯ ނަގައިދީ އީޓުކުރި ރަށު ފިހާރައިގައި އެތަކެތި ހިމަނައިދިނުމުގެ ހިދުމަތް ވެސް ދޭ އިރު، ޕްރީ އޯޑަރ ކޮށްގެން ތައްޔާރުކުރާ ތަކެތި ވިއްކުމުގެ ފުރުސަތު ވެސް އީޓުކުރި މޯބައިލް އެޕްލިކޭޝަނުން މިހާރުލިބޭނެއެވެ.

މީގެ އިތުރުބް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެމީހުންގެ އުފެއްދުންތައް ޑެލިވަރކޮށްދިނުމުގެ ހިދުމަތް ވެސް ފަސޭހަކަމާއެކު މިހާރުލިބޭނެއެވެ.

ޕޯސްޓު ލިމިޓެޑުން ބުނީ ރަށްރަށުގައި ވިޔަފާރިކުރާ ފަރާތްތަކަށް މި އޮންލައިން ޕްލެޓްފޯމްގައި ބައިވެރިވުމަށް ބާރުއަޅައި އެ މީހުންގެ އުފެއްދުންތައް މުޅި ރާއްޖެއަށް މާކެޓް ކުރުމާއި ވިއްކާ މުދާ ޕޯސްޓް މެދުވެރިކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ޑެލިވާ ކޮށްދިނުމަކީ އެ ކުންފުނީގެ އެންމެބޮޑު ބޭނުން ކަމަށެވެ.