"ބިންވެރިޔާ" ސްކީމުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވައިލުމުން މިހައިތަނަށް 600 ޝަކުވާ ހުށަހަޅާފައިވާ ކަމަށް ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަސައްކަތްތަކަށް ސަރުކާރުން އެކުލަވާލައްވާފައިވާ ކޮމިޓީ އިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މައުލޫމާތު ހިއްސާކުރައްވަމުން އެ ކޮމެޓީގެ ފަރާތުން ފިނޭންސްގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް އަނަސް ޢަބްދުއްސައްތާރު ވިދާޅުވީ މިހައިތަނަށް ހުށައަޅާފައިވާ ޝަކުވާތަކުގައި ވަގުތީ ލިސްޓަށް ބަދަލު އަންނަށް ފަދަ އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވީ މި ސްކީމާއި ގުޅޭގޮތުން ތަފާތު އެކި މަންސަތަކުގައި އެކިގޮތްގޮތަށް ވާހަކަތައް ދެކެވެމުން ދިޔަނަމަވެސް ގޯއްޗަށް ކުރިމަތިލާފައިވާ މީހުންގެ ހާލަތު އެ ކޮމިޓީއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި މި ސްކީމްގެ ދަށުން ގޯތި ދިނުމަށް ދައުލަތުގެ ގިނަ އިދާރާތަކެއްގައި ރައްކާކުރެވިފައިވާ އެތައް މައުލޫމާތުތަކެއް ބަލާފައިވާނެ ކަމަށެވެ.

ކުރިމަތިލާފައިވާ ފަރާތްތަކުގެ ނަމުގައި ގޯއްޗާއި ފްލެޓާއި ވާރުތަވާގޮތަށް ވެސް ތަނެއް އޮތްނަމަ އެކަން ކޮމިޓީއަށް އެނގޭ ކަމަށާއި ގޯތި ލިބޭކަމަށް ޢާއްމުކޮށްފައިވާ ވަގުތީ ލިސްޓުގައި ކޮމިޓީއަށް ޖަވާބުދާރީ ނުވެވޭވަރުގެ އެއްވެސް ނަމެއް ނޯންނާނެ ކަމަށް ވެސް އަނަސް ވިދާޅުވިއެވެ.

"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ވަގުތީ ލިސްޓް ސަރުކާރުން ޢާންމު ކުރައްވާފައިވަނީ މިދިޔަ ޖޫން މަހުގެ 26 ގައެވެ. އެ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓް ގައި ޝާއިޢުކުރައްވާފައިވާއިރު، މި ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19858 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުޠުހަމަވެފައިކަމަށް ސަރުކާރުން ވިދާޅުވެފައި ވެއެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި ޖުލައި މަހުގެ 15 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.