ދިވެހި ބަހަށް އިސްކަންދޭ ކަން ޤާނޫނުގައި ލިޔެފައި އޮތުމުގެ އިތުރުން އެކަން ޢަމަލާއި ބަހުން ދައްކައި ދިނުމަށް އެދި ދިވެހި ބަހުގެ އެކަޑަމީން އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު ފާހަގަކުރާ ދިވެހި ބަހުގެ ދުވަހާއި ގުޅިގެން އެ އެކަޑަމީން އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، މިފަދަ ދުވަހެއް ދިވެހިރާއްޖޭގައި ފާހަގަ ކުރާއިރު ދިވެހި ބަހުގެ އެކަޑަމީގެ އިލްތިމާސެއް އެބައޮތް ކަމަށެވެ.

Ad
rt

މިގޮތުން މި ޤައުމުގައި ދިވެހި ބަހަށް އިސްކަންދޭން ޖެހޭކަމަށް ޤާނޫނުގެ ކަރުދާހުގައި ލިޔެފައި އޮތުމުގެ އިތުރުން ދިވެހި ބަހަށް އިސްކަންދޭކަން ޢަމަލާއި ބަހުން ދައްކައި ދިނުމަށް ބަހުގެ އެކަޑަމީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ދިވެހި ބަހުގެ އެކަޑަމީން ވަނީ ދައުލަތާއި ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން ވެސް ހެޔޮ ނިޔަތުގައި ލޯތްބާއެކު ދިވެހި ބަހަށް އިސްކަންދޭން އެދިލައްވާފައެވެ.

‘’މީޑިއާގެ ހުރިހާ ވަސީލަތްތަކުގައި ލިޔުއްވާ ލިޔުންތަކާއި، ދައުލަތުގެ މީޑިއާގެ ޓީވީއާއި އަމިއްލަ ޓީވީގައި ދައްކާ މަންޒަރުތަކާއި އަޑުތައް ދިވެހި ބަހުން ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސަމާތޯ’’ ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވެފަވެއެވެ.

ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވެފައި ވަނީ، މިފަދަ ދުވަހެއްގައި އެންމެން އެކަށްޗެއް ކިޔަން އަޒުން ކަނޑައަޅަންޖެހޭ ކަމަށާއި، ނަތީޖާ ފެންނާނީ ޢަމަލާއި ބަހުން އެކަން ދައްކައިގެން ކަމަށެވެ.