ޅ. ނައިފަރުގެ ފެނާ ނަރުދަމާގެ މައްސަލައަކީ ދެ ސަރުކާރެއްގެ ދެމެދު ތާށިކޮށްގެން އުޅޭ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު، އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ނައިފަރުގެ ފެނާ ނަރުދަމާގައި ހުރި މައްސަލަތަކާ ބެހޭގޮތުން ނައިފަރު ދާއިރާގެ މެންބަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤަރާރަށް ވާހަކަ ދައްކަވަމުންނެވެ.
އެ ޤަރާރަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، ނައިފަރުގައި 2022 ވަނަ އަހަރު ނިންމައި މީހުން ދިރިއުޅެންފެށި 100 ހައުސިން ޔުނިޓަށް އެކަށީގެންވާ ގޮތަށް ފެން ފޯރުކޮށްދެވިފައި ނުވުމަކީ މި ސަރުކާރުގެ އިހުމާލެއް ކަމަށެވެ. އަދި އެތަން ޑިޒައިން ކުރެވިފައިވާ ގޮތުން އެމީހުންނަށް ކޮންމެހެންވެސް ސަޕްލައިފެނުގެ ޚިދުމަތް ލިބެންޖެހޭ ކަމަށާއި އެހެންނަމަވެސް އެމީހުން މިއަދު ބޭނުންކުރަން ޖެހިފައިވަނީ ބިމުން ނަގާ "ހަޑިފެން" ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ނައިފަރުގެ ފެނާ ނަރުދަމާގެ މައްސަލައަކީ މިއަދު ދެ ސަރުކާރެއްގެ ދެމެދު ތާށިކޮށްގެން އުޅޭ މައްސަލައެއް ކަމަށާއި މިއަދު ޕްލޭނިން މިނިސްޓްރީ ސަރުކާރުގެ ބައެއް ކުންފުނިތަކުން ދަނީ އެއްބަޔަކު އަނެއްބަޔެއްގެ ބޮލުގައި މި މައްސަލަ އަޅުވަމުން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން ނާޒިމް ވަނީ އެގޮތަށް އެކަންކަން ނުކޮށް ސަރުކާރުން މި މައްސަލަ އަވަހަށް ޙައްލުކޮށްދެއްވުމަށް ގޮވާލައްވާފައެވެ.
ނައިފަރުގެ ނަރުދަމާ ނިޒާމްގައިވެސް ގިނަ މައްސަލަތަކެއް ހުރިކަން ނާޒިމް ފާހަގަކުރެއްވިއެވެ. އެންމެ ބޮޑު ކަމެއްގެ ގޮތުގައި ވިދާޅުވީ ހޮޅި ލައިންތައް އަޅާފައިވާއިރު އެ ހޮޅިތައް ފުރިހަމައަށް ނާޅައި ހުރުމުން، އެކަން ފުރިހަމަނުވެ އަލުން އެމަސައްކަތް ފުރިހަމަ ކުރަންޖެހިފައިވާކަމުގައި ވިދާޅުވިއެވެ.
"އަޅުގަނޑު ސަރުކާރަށާ ކަމާބެހޭ ފަރާތްތަކަށް ގޮވާލަން ވީހާވެސް އަވަހަކަށް މިކަންކަން ޙައްލުކޮށް ނައިފަރު ރައްޔިތުންނަށް ޙައްޤުވާ މިންވަރު ހޯދައިދިނުމަށް"، ނާޒިމް ވިދާޅުވިއެވެ.
ނައިފަރުގެ ފެނާ ނަރުދަމާގެ މައްސަލައިގައި ނައިފަރު ދާއިރާގެ މެންބަރު މަޖްލިހަށް ޤަރާރު ހުށަހަޅުއްވާފައިވަނީ ފެން ޕްލާންޓްތަކުގެ މައްސަލަ ޖެހި ރައްޔިތުންނަށް ފެނުގެ ޚިދުމަތް ނުލިބި، އެ މައްސަލަ ޙައްލުނުވެގެން ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އިޙުތިޖާޖު ކުރަން ފަށާފައިވަނިކޮށް ކަމުގައި ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!