ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ސްޓޫޑެންޓް ލޯނާއި އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ އިންޓްރެސްޓް ކުޑަކޮށްފިއެވެ.
އެ ކުންފުނިން ވަނީ ދާދިފަހުން ކުރީގެ ރޭޓުން އެއް އިންސައްތަ ވެސް ކުޑަކޮށްފައެވެ. އެގޮތުން ކުރިން ނުވަ އިންސައްތައިގައި ހުރި އިންޓްރެސްޓް ރޭޓު މިހާރު ވަނީ އަށަކަށް ބަދަލުކޮށްފައެވެ.
ބީއެމްއެލްއިން މިއަދު ބުނީ، މިއަދުން ފެށިގެން އެ ލޯނުގެ އިންޓްރެސްޓް ފަސް އިންސައްތައަށް ކުޑަކޮށްފައިވާ ކަމަށެވެ. މިހާރު ނަގާފައިވާ ކިޔާވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގެ އިތުރަށް އަލަށް އެދި ހުށަހަޅާ ފެސިލިޓީސްއަށްވެސް ފަސް އިންސައްތަ އިންޓްރެސްޓް ރޭޓް ކަނޑައަޅާފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ސްޓޫޑެންޓް ލޯނާއި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓް ދަށްކުރުމުން އެ ލޯނުތައް ދައްކަންޖެހޭ މުއްދަތު އޮޓޮމެޓިކުންވަނީ ކުޑަވެފައެވެ.
މަހުން މަހަށް ދައްކަން ޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންވީ ގޮތް ސްޓޫޑެންޓް ލޯނާއި އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނާ ހިއްސާކުރާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް ވިދާޅުވީ، ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓަށް ގެނައި ބަދަލާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހައިން ފަންޑިން ހޯދުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ.
ބީއެމްއެލްގެ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ 75 އިންސައްތައާ ހަމަޔަށް ފައިނޭންސިން ލިބޭނެއެވެ. އެ ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!