ހދ. ނޮޅިވަރަމުގައި މަރުވެފައި އޮތްވާ ފެނުނު ނިޝާމާ މުހައްމަދުގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނިޝާމާގެ ފިރިމީހާ، އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލް ނިޔާވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ދާދި ދެންމެއަކު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އަބޫބަކުރު ފައިސަލް މިއަދު 08:28 ހާއިރު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި އޭނާ ނިޔާވީ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް ކަމަށެވެ.
އޭނާއަށް ފަރުވާދެމުން ގެންގޮސްފައިވަނީ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކުރުމުން ނެވެ.
ފައިސަލް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަދި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.
ފުލުހުން ވިދާޅުވެފައިވަނީ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުން ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވަކަމަށެވެ. ނަމަވެސް ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާ ވަކި ދުވަހެއް ފުލުހުން އަދި ހިއްސާކޮށްފައި ނުވެއެވެ.
ނިޝާމާ ދިރިއުޅުނު ނޮޅިވަރަމް ހިތައްފިނިވާގޭ ކޮޓަރި ތެރޭގައި ހޭނެތިފައި އޮއްވައި ފެނުނީ މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ. ނޮޅިވަރަމްގައި މީހަކު މަރާލައިގެން އުޅޭކަމަށް ބުނެ ފުލުހުންގެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ އެދުވަހުގެ 12:30 ގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
ނިޝާމާ ކޮޓަރިތެރެއިން ފެނުނުއިރު، އޭނާގެ ފިރިމީހާ ވަނީ އެ ދުވަހު ހެނދުނު ފުރައިގެން ކުޅުދުއްފުށީ ސިޓީ އަށް ގޮސްފަ އެވެ. ފުލުހުން ވަނީ އެ މައްސަލައިގެ ތުހުމަތުގައި އެދުވަހު އޭނާ ހައްޔަރުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!