ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަންނަ ހަފުތާގައި ދެ ދަތުރުފުޅެއް ކުރެއްވުމަށް ތާވަލުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ރައީސް ވަޑައިގަންނަވާނީ ގދ. ފަރެސްމާތޮޑާއަށާއި ގަތަރަށް ކަމަށެވެ.
އޭގެތެރެއިން ފަރެސްމާތޮޑާއަށް ވަޑައިގަންނަވަނީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކަމަށާއި އެރަށަށް ވަޑައިގަންނަވާނީ މި މަހުގެ 11 ވާ އާދިއްތަ ދުވަހު ކަމަށެވެ.
އެ ދަތުރުފުޅަށްފަހު ޖެހިގެން އަންނަ ދުވަހު (12 ވާ ހޯމަދުވަހު) މާލެ ވަޑައިގެން، ހަމަ އެ ދުވަހު ގަތަރަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ ގަތަރަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީގެ ދައުވަތަކަށް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގެ މެޗު ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެއީ އެ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކަމަށާއި އެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. ދެވަނަ މެޗު އޮންނާނީ ބުރާސްފަތި ދުވަހު އެވެ.
ގަތަރަށް ކުރައްވާ ދަތުރުފުޅުގެ ޓިކެޓް ރައީސް އަމިއްލަފުޅަށް ހަމަޖައްސަވާއިރު، މެހެމާންދާރީގެ ކަންކަމާއި މެޗުގެ ޓިކެޓްގެ ހަރަދު ހަމަޖައްސަނީ ގަތަރުން ކަމަށް މިއުވާން ވަނީ ކުރިން ވެސް ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!