އާސަންދަ ކުންފުނީގެ ފަރާތުން ރީޖަނަލް އަދި އަތޮޅު ހޮސްޕިޓާތަކަށް ޓީވީ ހަދިޔާކުރުމުގެ ފުރަތަމަ ބުރުގެ ދަށުން ޓީވީ ހަދިޔާކުރަން ނިންމާފައިވާ ހޮސްޕިޓާ ތަކާއެކު އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.

މިއީ، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދަން، ހޮސްޕިޓާ/ކްލިނިކްތަކަށް ދާ ރައްޔިތުންނަށް ޚާއްސަކޮށްގެން، ފާއިތުވީ އަހަރުގެ ޑިސެމްބަރު މަހު އާސަންދަ ކުންފުނިން ފެއްޓި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމް، 'ވިލުން' ގެ ދަށުން ކުރިއަށް ގެންދާ ކަމެއްކަމުގައި އާސަންދަ ކުންފުނިން ވިދާޅުވެއެވެ.

Ad
rt

އޮންލައިންކޮށް ކުރިއަށް ގެންދިޔަ ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝާފީޤާއި އެގްޒެކެޓިވް މެނޭޖްމަންޓް މެމްބަރުންނާއި ސީނިއަރ މެނޭޖްމެންޓް މެމްބަރުން ބައިވެރިވިއެވެ.

ހޮސްޕިޓަލްތަކަށް ޓީވީ ހަދިޔާކުރުމުގެ އެއްބަސްވުމުގައި އާސަންދަ ކުންފުނީގެ ފަރާތުން ސޮއެ ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، މަރިޔަމް ޝަފީޤެވެ. އަދި މި ބުރުގައި ޓީވީ ލިބޭ ހޮސްޕިޓާތަކުގެ ފަރާތުން ސޮއިކުރެއްވީ އެތަންތަން ހިންގެވުމާއި ހަވާލުވެތިއްބެވި އިސްވެރިންނެވެ. އެ ބޭފުޅުންނަކީ، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަޙްމަދު ދާއޫދު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއޯއޯ އާދަމް މާހިރު، ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝިޔާމް، ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ޢަބްދުލް އަޒީޒް ރިފާއުގެ އިތުރުން ފުވައްމުލައް ހޮސްޕިޓަލުގެ މެނޭޖަރ، މުޙައްމަދު ޟިރާރު އެވެ.

ޓީވީ ހަދިޔާ ކުރުމުގެ ފުރަތަމަ ބުރުގައި ހިމެނޭ ހޮސްޕިޓަލްތައް

  • ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް،
  • އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް،
  • ގަމު ރީޖަނަލް ހޮސްޕިޓަލް،
  • ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް
  • ފުވައްމުލައް ހޮސްޕިޓަލް

މި ޓީވީއަކީ ކޮންމެ ހޮސްޕިޓަލެއްގެވެސް އޯޕީޑީ ވެއިޓިން އޭރިއާގައި އާސަންދަ ސްކީމާއި އަދި ޢާއްމު ޞިއްޙަތާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓު އެޅުވުމަށް ހަދިޔާކުރާ ޓީވީތަކެއް ކަމަށް އާސަންދައިން ވިދާޅުވެއެވެ. އަދި ހޮސްޕިޓަލުގެ މަސައްކަތްތަކާއި ޚިދުމަތްތަކާ ގުޅޭގޮތުން ޙިއްސާކުރަން ހޮސްޕިޓާތަކުން ބޭނުންވާ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވެސް މި ޓީވީތައް ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ވިދާޅުވެފަވެއެވެ.

މި ރަސްމިއްޔާތަށްފަހު، އާސަންދަ ސްކީމާ ގުޅުންހުރި ޚިދުމަތްތައް ދިނުމުގައި ހޮސްޕިޓަލުތަކަށް ދިމާވާ ދަތިތަކާއި، އަދި ޚިދުމަތް ލިބިދިނުމުގައި ރައޔިތުންނަށް މިހާރަށްވުރެ ކަންކަން ފަސޭހަކޮށްދެވޭނެ ގޮތްތަކާމެދު، އާސަންދަ ކުންފުނީގެ މެނޭޖްމަންޓާއި ހޮސްޕިޓަލުތަކުގެ އިސްވެރިންނާ ދެމެދު ވަނީ މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށްފައެވެ.