މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރާނެ ރަށަކީ ކ. ކާށިދޫކަމުގައި އަދި މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް ބާއްވާނެ ރަށަކީ ގދ. ފަރެސްމާތޮޑާކަމުގައި ސަރުކާރުން ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި ދުވަސްތައް މިއަހަރު ރަސްމީކޮށް ފާހަގަ ކުރާނެ ރަށްތައް ހަމަޖެއްސެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުއެވެ.
އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށް ގެންދަވާފައެެވެ.
މި ބައްދަލުވުމުގައި މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި މަސްވެރިންގެ ދުވަސް ރަސްމީގޮތުން ފާހަގަކުރާނެ ރަށްތައް ކަނޑައެޅުއްވީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިކަމާގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. އަދި ދަނޑުވެރިކަމުގެ ދުވަހާއި ޖެހިގެން އަންނަ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސްކަމުގައިވާތީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ކަނޑައަޅާ ރަށެއްގައި ސަރުކާރުން ގެންދަވަނީ އެދުވަސް ވެސް ފާހަގަކުރައްވަމުންނެވެ.
1989 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 10 ވަނަ ދުވަސް، މަސްވެރިންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ސަރުކާރުން ގެންދަނީ ފާހަގަކުރައްވަމުންނެވެ.
އެންމެފަހުން 2021 ވަނަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކޮށްފައި ވަނީ ކ.ގާފަރު ގައެވެ. އެހެންކަމުން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހުޅުވައިލީ ދެކުނުގެ ރަށްތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!