ހއ. ބާރަށުގައި ވިލުންތެރި މުޖުތަމައެއް ބިނާކުރުމުގެ މަޤްޞަދުގައި ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.

"އަރުތަ" ގެ ނަމުގައި 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ބާރަށު ކައުންސިލާއި ބާރަށު ޕޮލިސް ސްޓޭޝަން ގުޅިގެން، ރަށުގެ އެކި މުއައްސަސާތަކާއި ކްލަބް ޖަމްއިއްޔާތައް އަދި ދެ ޖިންސުގެ ރައްޔިތުން ބައިވެރިކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

ބާރަށު ކައުންސިލުން މައުލޫމާތުދެއްވާ ގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ދަރިވަރުންގެ އަހުލާގާއި ސުލޫކީ މިންގަނޑު ހިފެހެއްޓުމަށް ބާރުއެޅުމާއި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދިރިއުޅުމަށް ދަރިވަރުން ހޭލުންތެރިކުރުވުމެވެ.

މީގެއިތުރުން، ދަރިވަރުން ތަރުބިއްޔަތު ކުރުމުގައާއި ދަރިންގެ ކިބައިގައި ރިވެތި އާދަތައް އަށަގަންނުވައި، ދިމާވާ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކާ ގުޅޭގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއްވެސް މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދާނެކަމަށް އެ ކައުންސިލުން ހާމަކުރައްވައެވެ.

ހަމައެއާއެކު، ރަށުގެ އަމާންކަމާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި، ޓީމްވޯކް ވަރުގަދަކުރުމާ ގުޅޭގޮތުން މުއައްސަސާތަކަށާއި ރައްޔިތުންނަށް މި ޕްރޮގްރާމްގެ ތެރެއިން އަމަލީ ތަޖުރިބާތަކާއި ހޭލުންތެރިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން އެކަކު އަނެކަކަށް އޯގާތެރިވެ، އިޙްތިރާމްއަދާ ކުރުމުގެ ގޮތުން، އެ ރަށުގެ އިސްރަށްވެހިންނަށް މިއަދު ހަވީރު ސައިޕާޓީއެއް އޮންނާނެކަމަށާއި މި ސައިޕާޓީގައި އުމުރުން ދުވަސްވީ މީހުންގެ ޞިއްޙީ ސްކްރީނިން ހެދުން ވެސް ކުރިއަށް ދާނެކަމަށް ބާރަށު ކައުންސިލުން މައުލޫމާތު ދެއްވައެވެ.