ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ޒުވާނުންނަށް ޚާއްޞަކޮށްގެން ޞިއްޙީ ހޭލުންތެރިކަމުގެ ކޭމްޕެއް ބާއްވައިފިއެވެ.

"އެސް.އާރް.އެޗް ހޭންގްއައުޓް" ގެ ނަމުގައި މި ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ ޒުވާނުންގެ މެދުގައި ޞިއްޙީ ދުޅަހެޔޮކަމާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.

މި ހަރަކާތަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ސާވިސް ސެކްޝަންގެ މި އަހަރުގެ އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިއަށްގެންދިޔަ މުހިންމު ޕްރޮގްރާމެކެވެ. މި ކޭމްޕް ޚާއްޞަކޮށް އަމާޒުކޮށްފައިވަނީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ކޭއާރްއެޗުން މަޢުލޫމާތު ދިން ގޮތުގައި، މި ކޭމްޕުގެ ތެރެއިން ބައިވެރިންނަށް ގިނަ ދާއިރާތަކަކުން މުހިންމު މަޢުލޫމާތުތަކެއް ވަނީ ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ޖިންސީ ގުޅުމުން އަރާ ބަލިތަކާ ގުޅޭ މަޢުލޫމާތާއި، ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ހިމެނެއެވެ.

މީގެ އިތުރުން، އާއިލާ ރޭވުމާ ގުޅޭ މަޢުލޫމާތާއި، ދަރިމައިވުމުގެ ކުރިން ނުވަތަ ބަލިވެ އިނުމުގެ ކުރިން ޞިއްޙީ ގޮތުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމާ ބެހޭގޮތުން ވެސް މި ކޭމްޕްގެ ބައިވެރިންނަށް ވަނީ މަޢުލޫމާތު ދީފައެވެ.

ހަމައެއާއެކު، ޒާތީ ގުޅުންތަކުގައި ކަންކަން ނިންމުމުގައި އަމިއްލަ ރުހުން އޮވެގެން ގޮތް ނިންމުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް ޒުވާނުން ވަނީ ހޭލުންތެރިކޮށްފައެވެ. މިއީ ޒުވާނުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ބައްޓަންކުރުމުގައި ބޭނުންތެރި މުހިންމު މަޢުލޫމާތުތަކެކެވެ.

މި ކޭމްޕް އިންތިޒާމުކޮށް ހިންގުމުގައި ޕާޓްނަރެއްގެ ގޮތުގައި ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން (ޝީ) އިން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި ޝީގެ ފަރާތުން ލިބުނު އެއްބާރުލުމަށްޓަކައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ އެ ޖަމިއްޔާއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.