އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ މެޑިކަލް ގޭސްޓްރޯއެންޓެރޮލޮޖީ އެންޑް އެންޑޮސްކޯޕީ ޔުނިޓުގެ ދިވެހި ޓީމަކުން އިސްނަގައިގެން، އެންޑޮސްކޯޕީގެ ޚާއްސަ ޕްރޮސީޖާއެއް ކަމަށްވާ "އެންޑޮސްކޯޕިކް ރެޓްރޯގްރޭޑް ޗޯލަންޖިއޯޕެންކްރިއޭޓޯގްރަފީ" (އީއާރުސީޕީ) ފުރަތަމަ ފަހަރަށް މުޅިން ދިވެހި ޓީމަކުން ކާމިޔާބުކަމާއެކު ހަދައިފިއެވެ.

މިއީ ރާއްޖޭގެ ސިއްހީ ދާއިރާގައި ހޯދުނު ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި އައިޖީއެމްއެޗުން ވަނީ ސިފަކޮށްފައެވެ.

އައިޖީއެމްއެޗުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި ޕްރޮސީޖާ ކުރިއަށް ގެންގޮސްފައިވަނީ "ކޮލެޑޯކޯލިތިއާސިސް" ގެ ސަބަބުން "ކޮލަންޖައިޓިސް" ޖެހި، ހާލަތު ނާޒުކުވެފައިވި ބަލިމީހަކަށް ކުއްލި ފަރުވާ ދިނުމުގެ ގޮތުންނެވެ. މި ޕްރޮސީޖާގެ ތެރެއިން އެންޑޮސްކޯޕިކް ސްފިންކްޓަރޮޓޮމީ ހެދުމުގެ އިތުރުން، ބިލިއަރީ ސްޓެންޓިން ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

މި ތާރީޚީ ޕްރޮސީޖާ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވަނީ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ މެޑިކަލް ގޭސްޓްރޯއެންޓެރޮލޮޖީ އެންޑް އެންޑޮސްކޯޕީ ޔުނިޓުގެ އިތުރުން، ސާޖަރީ ޓީމާއި އެނެސްތީސިއާ ޓީމު ގުޅިގެންނެވެ. މިއީ އެކި ދާއިރާތަކުގެ ޚާއްސަ މެޑިކަލް ޓީމުތަކެއް ގުޅިގެން ކުރެވުނު ބުރަ މަސައްކަތެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މިއީ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި މުޅިން ދިވެހި ޓީމަކުން މިއިން ތާރީޚީ ޕްރޮސީޖާއެއް ހެދި ފުރަތަމަ ފަހަރެވެ. މި ކާމިޔާބީން އަންގައިދެނީ ރާއްޖޭގެ ދިވެހި ޚާއްސަ ޑޮކްޓަރުންގެ ޤާބިލުކަމާއި ފަންނީ ހުނަރު އިތުރުވަމުންދާ މިންވަރު ކަމަށާއި، އެކި ދާއިރާތަކުގެ މެޑިކަލް ޓީމުތަކުގެ މެދުގައި އޮތް ގުޅުން ބަދަހިކަން ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

ރާއްޖޭގެ ސިއްހީ ޚިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ދަށުން ހޯދާފައިވާ މި ކާމިޔާބީގެ މައިގަނޑު އަމާޒަކީ، އިތުރު ފަރުވާއާއި ޚާއްސަ މެޑިކަލް ޕްރޮސީޖާތައް ހެދުމަށް ދިވެހި ބަލިމީހުން ރާއްޖެއިން ބޭރަށް ދާންޖެހޭ ޖެހުން ވީހާވެސް ބޮޑަކަށް މަދުކުރުން ކަމަށް އައިޖީއެމްއެޗުން ފާހަގަކުރެއެވެ.

މި މުހިންމު ކާމިޔާބީ ހާސިލުކުރުމުގައި ބައިވެރިވި އަދި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން އެންމެހައި ޓީމުތަކަށް އައިޖީއެމްއެޗުން ވަނީ ޚާއްސަ މަރުހަބާއެއް ކިޔައި، އިޚްލާސްތެރި ޝުކުރު އަދާކޮށްފައެވެ.