އޮސްޓްރޭލިއާގެ ބޮންޑައި ބީޗުގައި ހިނގި ބަޑިޖެހުމުގެ ނުރައްކާތެރި ހާދިސާގައި، ހަމަލާދިން މީހުންގެ ތެރެއިން އެކެއްގެ އަތުން ބަޑި އަތުލައި ގިނަ ބައެއްގެ ފުރާނަ ސަލާމަތްކޮށްދިން ހިތްވަރުގަދަ މުސްލިމެއްކަމަށްވާ ސިޑްނީއަށް ނިސްބަތްވާ އަޙްމަދު އަލްއަޙްމަދަށް އެ ގައުމުގައި އާންމުންނަށް އަރުވާ އެންމެ މަތީ ހިތްވަރުގެ އިނާމު އަރުވައިފިއެވެ.
އޮސްޓްރޭލިއާގެ ގަވަރުނަރު ޖެނެރަލް ސޭމް މޮސްޓިން އިއުލާނު ކުރެއްވި ގޮތުގައި، އަލްއަޙްމަދަށް އަރުވާފައިވަނީ އާންމު ރައްޔިތުންގެ ހިތްވަރު ފާހަގަކުރުމަށް އެ ގައުމުގައި ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ "ކްރޮސް އޮފް ވެލާ" އެވެ. މިއީ އޮސްޓްރޭލިއާގެ ތާރީޚުގައި ވެސް އާންމު ރައްޔިތެއްގެ ހިތްވަރަށް މި ޝަރަފު އެރުވި ހަވަނަ ފަހަރެވެ.
މި އިނާމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބޮންޑައި ބީޗުގައި ހަތިޔާރު އަޅައިގެން ހުރި މީހެއްގެ އަތުން ހަތިޔާރު އަތުލުމަށްޓަކައި، ނުހަނު ނުރައްކާތެރި ހާލަތެއްގައި އަޙްމަދު އަލްއަޙްމަދު ދައްކުވައިދީފައިވަނީ އާދަޔާޚިލާފު މަތިވެރި ހިތްވަރެއް ކަމަށެވެ. މިއީ މި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހިތްވަރުގަދަކަން ފާހަގަކުރުމަށް ސަރުކާރުން އިއުލާނުކުރި ހަތަރު އިނާމުގެ ތެރެއިން އެއް އިނާމެވެ.
މިދިޔަ ޑިސެމްބަރު މަހު މި ހާދިސާ ހިނގާފައިވަނީ މަޝްހޫރު ބޮންޑައި ބީޗުގައި ޔަހޫދީންގެ ހަރަކާތެއް ކުރިއަށްދަނިކޮށް، ދެ މީހަކު އެތަނަށް ބަޑިޖަހަން ފެށުމުންނެވެ. އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފިކުރަށް ތާއީދުކޮށް، ޔަހޫދީންނާ ދެކޮޅަށް ދިން މި ހަމަލާގައި 15 މީހުން ވަނީ މަރުވެފައެވެ.
ހަމަލާ ދެމުންދިޔަ ވަގުތު އަލްއަޙްމަދު ފުރަތަމަ ފިލައި އޮތީ ޕާކުކޮށްފައި ހުރި ކާރުތަކެއްގެ ފުރަގަހުގައެވެ. އެހެން ނަމަވެސް، އޭނާ ވަނީ ބަޑިޖަހަމުން ދިޔަ މީހެއްގެ ފަހަތުން ގޮސް، އޭނާއަށް ހަމަލާދީ ބިންމައްޗަށް ވައްޓާލުމަށްފަހު އޭނާގެ އަތުގައި އޮތް ބަޑި އަތުލައިފައެވެ. ގިނަ ބައެއްގެ ފުރާނަ ސަލާމަތްވި މި ހިތްވަރުގަދަ އަމަލުގެ ތެރޭގައި އަލްއަޙްމަދުގެ ގަޔަށް ވެސް ވަޒަން އަރައި، އެތައް ޒަޚަމްތަކެއް ލިބުނު ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
މި ހާދިސާއަށްފަހު ދެ ކުދިންގެ ބައްޕައެއް ކަމަށްވާ މުސްލިމް އަލްއަޙްމަދަށް މުޅި ދުނިޔޭގެ ސަމާލުކަމާއި ތައުރީފު ވަނީ ލިބިފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ހިމެނިވަޑައިގަންނަވައެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ އަލްއަޙްމަދަކީ ވަރަށް ބޮޑު ހިތްވަރެއް ދެއްކި، އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިން މީހެއް ކަމަށެވެ.
މި ހަމަލާއާ ގުޅިގެން އޮސްޓްރޭލިއާގައި ވަނީ ގާނޫނުތަކަށް މުހިންމު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށައިފައެވެ. އޭގެ ތެރޭގައި ގައުމީ ފެންވަރުގައި ބަޑި އަނބުރާ ގަތުމުގެ ޕްރޮގްރާމެއް ހިންގުމާއި، ބަޑީގެ ލައިސަންސް ދޫކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން ހަރުދަނާކުރުމުގެ އިތުރުން ނަފްރަތުގެ ކުށްތަކާ ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަކުރުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!