ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންނަށް ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން އިންތިޒާމުކުރި "އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް" (އައި.ޕީ.ސީ) ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވަނީ 26 ނޮވެންބަރު 2026 ވީ ބުރާސްފަތި ދުވަހުގެ ރޭ ރޯޝަނީ ބިލްޑިންގުގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލް މުޙައްމަދު މާހިރެވެ.
މި ނޮވެމްބަރު މަހުގެ 22 އިން 26 އަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 20 އަތޮޅެއްގެ ހޮސްޕިޓަލްތަކުންނާއި، މާލޭ ސަރަހައްދުގެ ޞިއްޙީ ޚިދުމަތްދޭ މުއައްސަސާތަކުން ޖުމްލަ 25 ޚިދުމަތްތެރިން ބައިވެރިވެފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ "މޯލްޑިވްސް ކޮވިޑް-19 އެމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރިޕެއާޑްނަސް" (އީ.އާރު.އެޗް.އެސް.ޕީ) މަޝްރޫޢުގެ ދަށުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މިއީ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ގެ މާލީ އެހީތެރިކަމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ހިންގި ތަމްރީނެކެވެ.
އިންފެކްޝަން ކޮންޓްރޯލް ތަމްރީނު ޕްރޮގްރާމް ނިންމާލުން (ހެލްތް މިނިސްޓްރީ)މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ "އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް އިން-ސަރވިސް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ކަރިކިއުލަމް" އާ އެއްގޮތްވާ ގޮތުގެ މަތިން، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. އެގޮތުން ތިއަރީ ބައިތަކުގެ އިތުރުން ޢަމަލީ ގޮތުން ކުރަންޖެހޭ ކަންކަން ހިމަނައިގެން ޞިއްޙީ ޚިދުމަތްތެރިންގެ ޢިލްމާއި ފަންނީ ހުނަރު އިތުރުކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ.
މި ތަމްރީނުގެ ތެރޭގައި މައިކްރޯބަޔޮލޮޖީގެ އަސާސްތަކާއި، ބަލިފެތުރޭ ގޮތްތަކާއި، ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މަޢުލޫމާތު ވަނީ ދީފައެވެ. މީގެ އިތުރުން އަތްދޮވުމުގެ އުސޫލުތަކާއި، ޕީ.ޕީ.އީ ބޭނުންކުރާނެ ގޮތާއި، ހޮސްޕިޓަލް ތެރެއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމާއި، ބަލިތައް ދެނެގަތުމުގެ އިތުރުން އިންފެކްޝަން ކޮންޓްރޯލް ޕްރޮގްރާމްތަކުގެ މައިގަނޑު ބައިތަކާ ގުޅޭގޮތުން ވެސް ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.
މި ތަމްރީނުގެ މައިގަނޑު މަޤްޞަދަކީ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުދަނާކުރުމާއި، މުޅި ރާއްޖޭގައި އެއް މިންގަނޑެއްގެ އުސޫލުތަކެއް ޤާއިމުކުރުމެވެ. މީގެ އިތުރުން، ބަލިތައް ފެތުރުން މަދުކޮށް، ބަލިމީހުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވެސް މި ޕްރޮގްރާމްގެ މުހިންމު އަމާޒެކެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު، ބަލިތަކުން ރައްކާތެރިވުމުގެ އުސޫލުތަކުގެ މުހިންމުކަމާއި ތަމްރީނު ލިބިފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ ބޭނުންތެރިކަން ބޮޑުވެފައިވާއިރު، މި ޕްރޮގްރާމަކީ ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ޤާބިލުކަން އިތުރުކޮށް ކުރިމަތިވެދާނެ ޞިއްޙީ ނުރައްކާތަކަށް ތައްޔާރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ތަމްރީނުތައް މެދުވެރިކޮށް ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ބަލިމީހުންނަށް ރައްކާތެރި އަދި އިތުބާރު ހުރި ޚިދުމަތެއް ކަށަވަރުކޮށްދިނުމަކީ އަމާޒެއް ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!