ހދ. ކުމުންދޫގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ކުނި އެންދުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާންޖެހޭތީ، އެއްވެސް ބާވަތެއްގެ ކުންޏާއި ފަތްކުނި އެ ސަރަޙައްދުތަކުގައި ނޭންދުމަށް އެ ރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

ކުމުންދޫ ކައުންސިލުން ނެރުނު އެންގުމެއްގައި ބަޔާންކޮށްފައިވަނީ، މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ކުނި އެންދުމުގެ ސަބަބުން އެކި ގޮތްގޮތުން އުނދަގޫތަކާ ކުރިމަތިލާންޖެހޭކަމުގެ ޝަކުވާތައް ކައުންސިލަށް ލިބެމުންދާ ކަމަށެވެ.

އެގޮތުން ކުނި އެންދުމުން އަރާ ދުމުގެ ސަބަބުން ރައްޔިތުންގެ ޞިއްޙަތަށް ނުރައްކާވެ، ނޭދެވޭ އަސަރުތަކެއް ކުރިމަތިވާ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

މީގެ އިތުރުން މިކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދި، އިޖުތިމާޢީ ޞުލްޙަވެރިކަމާއި ރަށުގެ އާންމު މަޞްލަޙަތަށް ބުރުއަރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެއްވެސް ފަރާތަކުން މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ކުނި ނޭންދުމަށާއި، ކުނި ނައްތާލުމަށްޓަކައި ކުނިކޮށްޓަށް ކުނި އެޅުމަށް ކައުންސިލުން ވަނީ ރައްޔިތުންނަށް ހަނދާންކޮށްދީފައެވެ.

ކައުންސިލްގެ އެންގުމާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ޤާނޫނާއި ޤަވާޢިދުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށްވެސް އެ އެންގުމުގައިވެއެވެ. އަދި އާންމު މަޞްލަޙަތު ރައްކާތެރިކުރުމަށާއި، މިފަދަ ކަންކަން ޙައްލުކުރުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.