އޭސީއަށް ދިމާވާ މައްސަލަތައް ޙައްލުކުރަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ށ. މާއުނގޫދޫ ކައުންސިލުން ފުރުޞަތު ހުޅުވާލައިފިއެވެ.
މި މަހުގެ 26 އިން 28ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 25 ނޮވެމްބަރުގެ މެންދުރުފަހު 2:00އެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ކައުންސިލްގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ލިންކް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެ ކައުންސިލުން އެދިފައިވެއެވެ.
މާއުނގޫދޫ ކައުންސިލް ރައީސް މުޙައްމަދު އިރުފާމް "ތިލަދުން"އަށް ވިދާޅުވީ، މިއީ އެ ކައުންސިލްގެ މެނިފެސްޓޯގައި ހިމަނާފައިވާ "ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން ހިންގާ ފުރަތަމަ ޕްރޮގްރާމްކަމަށެވެ. 16 އަހަރުން މަތީގެ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މި ތަމްރީނަކީ، އާންމު ދިރިއުޅުމުގައި ބޭނުންކުރާ މުޙިއްމު ހުނަރުތަކެއް ދަސްކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުޞަތެއްކަމުގައި ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން "ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން ކާޕެންޓްރީ މަސައްކަތްތަކާއި، ކޮންސްޓްރަކްޝަން ފަދަ ދާއިރާތަކުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރު ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމާފައިވާކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!