އެފްއޭއެމް "މައިލޯ ކަޕް 2026" މުބާރާތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، ދިއްދޫ ސްޕޯޓްސް އެކަޑަމީއަށް 20،000 ރުފިޔާގެ މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ހއ. ދިއްދޫ ކައުންސިލުން ނިންމައިފިއެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އުޘްމާން ރަޝީދު "ތިލަދުން"އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި އެހީ ދިނުމުގެ މައިގަނޑު މަޤްޞަދަކީ ރަށުގައި ތިބި ހުނަރުވެރި ކުދިން އިތުރަށް ކުރިއަރުވައި، ކުޅިވަރުގެ ދާއިރާއިން ފުރުޞަތުތައް ފަހިކޮށްދިނުމަށް މުޖުތަމަޢަށް ބާރުއެޅުންކަމަށެވެ.
މީގެއިތުރުން ދިއްދޫއަކީ އަބަދުވެސް ކުޅިވަރަށް ލޯބިކުރާ އަދި ހުނަރުވެރި ޖީލެއް އޮތް ރަށެއްކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ އެގޮތުން، ދިވެހި ޕްރިމިއަރ ލީގަށް އެފްއޭއެމުން ގެނައި ބަދަލުތަކާއެކު ،އަތޮޅުތެރޭގައި ކުޅުމުގެ ފުރުޞަތު ހުޅުވާލުމުން، މާލޭގެ އުތުރުން ދިއްދޫގައި މެޗުތައް ކުޅެވިގެން ދިޔުމަކީވެސް އެ ރަށުގެ ރައްޔިތުން ކުޅިވަރަށް ދޭ އަހައްމިއްޔަތުކަން ހާމަވާ ހެއްކެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ސޮކަރ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހދ. ހަނިމާދޫގައި މިމަހު ކުރިއަށްގެންދިޔަ "މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް 2026" ގައި ދިއްދޫ ސްޕޯޓްސް އެކަޑަމީގެ 10 އަހަރުން ދަށުގެ ޓީމު ވަނީ މުބާރާތުގެ ރަނަރަޕްކަން ހޯދާފައެވެ. އެކަޑަމީން ދަރިވަރުންގެ އަޚުލާޤާއި ޑިސިޕްލިން ރަނގަޅުކޮށް، ހުނަރުވެރި ކުދިންތަކެއް ބިނާކުރުމަށް ކުރި މަސައްކަތަކީ މި ކާމިޔާބީގެ އަސްލުކަމުގައި ކައުންސިލުންދެކެއެވެ.
ހއ. ދިއްދޫގެ 5 ވަނަ ދައުރުގެ ކައުންސިލަކީ ރަށުގެ އިޖުތިމާޢީ ރޫޙު ވަރުގަދަކޮށް، ކުޅިވަރާއި ދުޅަހެޔޮ، އަދި ތަޢުލީމީ ޖީލެއް ބިނާކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކައުންސިލެއްކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!