ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާއިން ނަސްލު ނައްތާލުމުގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި، އދ. ގެ އެންމެ މަތީ ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ތާރީޚީ ހުކުމެއް އިއްވަން ތައްޔާރުވެއްޖެއެވެ.
ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ ޕީސް ޕެލެސްގައި ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 (ޖީއެމްޓީން 09:00) ގައި ހުކުމް އިއްވަން ފަށާއިރު، މި އަޑުއެހުން ގާތްގަނޑަކަށް 90 މިނެޓަށް ދެމިގެންދާނެ ކަމަށް ބެލެވެއެވެ.
މި މައްސަލައިގައި މިޔަންމާއާ ދެކޮޅަށް ހުކުމް އަތުވެއްޖެނަމަ، މިއީ ދައުލަތަކުން ނަސްލު ނައްތާލުމުގެ ޖަރީމާއެއް ހިންގި ކަމަށް ބައިނަލްއަޤްވާމީ ކޯޓަކުން ކަނޑައަޅާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ. އައިސީޖޭގެ މި ނިންމުމަކީ އިސްތިއުނާފު ނުކުރެވޭނެ އެންމެ ފަހުގެ ހުކުމެއް ނަމަވެސް، އެ ހުކުމް ތަންފީޒު ކުރުމުގެ ބާރު އެ ކޯޓަށް ލިބިފައިވަނީ ވަރަށް ހަނި ދާއިރާއެއްގައެވެ. އެހެންކަމުން މިޔަންމާއިން މި ހުކުމަށް އަމަލުނުކޮށްފިނަމަ، މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމުގެ އިޚްތިޔާރު މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.
މި ތާރީޚީ މައްސަލައަކީ، އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ (އޯއައިސީ) ގެ އެހީތެރިކަމާއެކު ހުޅަނގު އެފްރިކާގެ މުސްލިމް އަޣުލަބިއްޔަތު އޮންނަ ޤައުމެއް ކަމަށްވާ ދަ ގެމްބިއާއިން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހުށަހެޅި މައްސަލައެކެވެ. ގެމްބިއާއިން ކޯޓުގައި ބުނެފައިވަނީ، 2017 ވަނަ އަހަރު ބުދުދީނުގެ އަޣުލަބިއްޔަތު އޮންނަ މިޔަންމާގެ ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި މަދުވެގެން 730،000 ރޮހިންޔާ މުސްލިމުން އަވަށްޓެރި ބަންގްލަދޭޝަށް ހިޖުރަކުރަން މަޖުބޫރުކުރުވައި، ނަސްލު ނައްތާލުމުގެ ޒިންމާ މިޔަންމާ ދައުލަތުން އުފުލަންޖެހޭނެ ކަމަށެވެ.
މި އަނިޔާވެރިކަމުން ސަލާމަތްވި މީހުން ކިޔައިދީފައިވާ ގޮތުގައި، ސިފައިން ވަނީ އެތައް ބަޔަކު މަރައި، އަންހެނުންގެ އިއްފަތް ފޭރި، މުޅި އަވަށްތައް އެއްކޮށް އަންދާލާފައެވެ. އަދި އދ. ގެ ފެކްޓް ފައިންޑިންގ މިޝަނަކުން ވެސް ވަނީ މިޔަންމާ ސިފައިންގެ އަމަލުތަކަކީ "ނަސްލު ނައްތާލުމުގެ އަމަލުތަކެއް" ކަމަށް ނިންމާފައެވެ. ނަމަވެސް މިޔަންމާއިން މި ތުހުމަތުތައް ދޮގުކުރެއެވެ. އެ ޤައުމުން ބުނަނީ އެއީ ހަތިޔާރުއެޅި ޖަމާއަތްތަކުން ދިން ހަމަލާތަކަކަށް ދިން ޤާނޫނީ ރައްދެއް ކަމަށާއި، ރޮހިންޔާ ނަސްލު ނައްތާލުމުގެ އެއްވެސް ނިޔަތެއް އޮތްކަން ސާބިތުކޮށްދޭނެ ސީދާ ހެއްކެއް ނެތް ކަމަށެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކާއި 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަން ބުނާގޮތުން، ނަސްލު ނައްތާލުމުގެ ކުށް ސާބިތުކުރުމަށްޓަކައި ޤައުމީ، ނަސްލީ ނުވަތަ ދީނީ ޖަމާއަތެއް އެއްކޮށް ނުވަތަ ބައެއް ނައްތާލުމުގެ ސީދާ ނިޔަތް އޮތްކަން ސާބިތުވާން ޖެހެއެވެ. މީގެކުރިން އައިސީޖޭއިން އެއްވެސް ދައުލަތެއް މިފަދަ ކުށެއްގައި ކުށްވެރިކޮށްފައެއް ނުވެއެވެ. އެގޮތުން 2007 ވަނަ އަހަރު އެ ކޯޓުން ނިންމާފައިވަނީ 1995 ވަނަ އަހަރު ބޮސްނިއާގެ ސްރެބްރެނިކާގައި 8،000 އަށްވުރެ ގިނަ މުސްލިމް ފިރިހެނުންނާއި ކުދިން މަރާލި ހާދިސާ ހުއްޓުވުމުގައި ސާބިއާ ފެއިލްވި ނަމަވެސް، ސާބިއާއިން ސީދާ އެ ޖަރީމާ ހިންގާފައި ނުވާ ކަމަށެވެ. މީގެއިތުރުން، މި މައްސަލައިގެ ހުކުމަކީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލަ ފަދަ އެހެން މައްސަލަތަކަށްވެސް ނުފޫޒު ފޯރުވާނެ މުހިންމު ނިންމުމެކެވެ.
މި މައްސަލަ ބަލާ އައިސީޖޭއަކީ ދައުލަތްތަކުގެ މެދުގައި ޖެހޭ މައްސަލަތައް ނިންމާ ކޯޓަކަށް ވާތީ، މިޔަންމާ ކުށްވެރިކުރެވުނު ނަމަވެސް ވަކިވަކި ފަރުދުންގެ މައްޗަށް ޝަރީއަތް ހިންގުމުގެ ބާރެއް މި ކޯޓަކަށް ނޯވެއެވެ. ގެމްބިއާއިން ވަނީ މިކަމުގައި ޒިންމާވާ ފަރާތްތަކަށް އަދަބުދިނުމަށާއި، ބަދަލު ދިނުމަށާއި، އަދި ރޮހިންޔާ ރައްޔިތުންނަށް ރައްކާތެރިކަމާއެކު އެނބުރި އާދެވޭނެ މަގު ފަހިކޮށްދިނުމަށް މިޔަންމާގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފައެވެ. ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ރެފިއުޖީ ކޭމްޕުތަކުގައި ތިބި 1.2 މިލިއަނެއްހާ ރޮހިންޔާ ރައްޔިތުން މި ހުކުމަށް އިންތިޒާރު ކުރަމުންދާއިރު، މިޔަންމާގައި އަދިވެސް ދިރިއުޅެމުންދާ 550،000 އެއްހާ ރޮހިންޔާއިން ތިބީ ދަތުރުފަތުރު ކުރުމާއި، ސިއްހީ ޚިދުމަތް އަދި އާމްދަނީ ހޯދުމުގެ ހައްގުތަކުން މަހުރޫމްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!