މާތް ﷲ ދެއްވާފައިވާ ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ އެ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މައްޗަށް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ "ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން" މި މައުޟޫޢުގެ މައްޗަށެވެ.
މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ލޯބި ދެމެހެއްޓުމަށްޓަކައި އިސްލާމްދީން ދަސްކޮށްދޭ އެންމެ މުހިންމު އެއް ސިފައަކީ ވެސް ނިޢުމަތްތަކަށް ޝުކުރުވެރިވުން ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ.
ޚުޠުބާގައި ބަޔާންކުރި ގޮތުގައި އިންސާނުންގެ މައްޗަށްވާ މާތް ﷲގެ ނިޢުމަތްތަކަކީ ގުނައި ޢަދަދުނުކުރެވޭހައި ގިނަގުނަ ނިޢުމަތްތަކެކެވެ. މާތް ﷲގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އެކަލާނގެ ފަޟްލުވަންތަކަމަށް އިޢުތިރާފުވެ، އެ ނިޢުމަތްތައް އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި ބޭނުންކުރުން ކަމަށާއި، މިއީ އަޅާގެ ދީނާއި ދުނިޔެއަށް ހެޔޮކަން ގެނެސްދޭ އަދި މާތް ﷲގެ ލޯތްބާއި ރުހިވޮޑިގަތުން ލިބޭ މަތިވެރި އަޅުކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި އިންސާނުން ޝުކުރުކުރާ ނަމަ އެކަލާނގެ އެކަމަށް ރުހިވޮޑިގެންވާކަން ކީރިތި ޤުރުއާނުގެ އާޔަތްތަކުން އެނގޭ ކަމަށް ވެސް ހަނދާންކޮށްދިނެވެ.
ޝުކުރުވެރިވުމަކީ ނަބީބޭކަލުންގެ މަތިވެރި ސިފަފުޅެއްކަން ފާހަގަކުރަމުން، އިބްރާހީމް ޢަލައިހިއްސަލާމަކީ މާތް ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުކުރައްވާ ބޭކަލަކު ކަމުގައި ވީތީ އެކަލާނގެ އެކަލޭގެފާނު ޚިޔާރުކުރައްވައި ސީދާވެގެންވާ މަގަށް މަގުދެއްކެވިކަން ޚުޠުބާގައި ފާހަގަކުރިއެވެ. ހަމައެއާއެކު، ސުލައިމާން ޢަލައިހިއްސަލާމްގެ އަރިހަށް ބަލްޤީސްގެ ތަޚުތު ގެނެވުނު ހިނދު، އެއީ ޝުކުރުކުރައްވަނީތޯ ނުވަތަ ދެކޮޅުވެރިވަނީތޯ އިމްތިޙާނުކުރެއްވުމަށްޓަކައި ﷲ މިންވަރުކުރެއްވި ކަމެއް ކަމަށް އެކަލޭގެފާނު ވިދާޅުވި ވާހަކައާއި، މޫސާ ޢަލައިހިއްސަލާމަށް ދެއްވި ކަންކަމުގައި ހިފަހައްޓަވައި ޝުކުރުކުރާ މީހުންގެ ތެރެއިން ވުމަށް އެންގެވިކަން ވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ.
މާތް ﷲއަށް ޝުކުރުވެރިވުމުގެ އިތުރުން، އިންސާނުންގެ ހެޔޮ ފޯރުވުންތަކަށް ޝުކުރުއަދާކުރުމަކީ ވެސް އިސްލާމީ ތަރުބިޔަތުގައި ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ އަޅުކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ. މިގޮތުން މައިންބަފައިންނަށް ޝުކުރުކުރުމަށް މާތް ﷲ އަމުރުކުރައްވާފައިވާކަން ފާހަގަކުރިއެވެ. އަދި މީސްތަކުންނަށް ޝުކުރުވެރިނުވާ މީހާ މާތް ﷲއަށް ޝުކުރުވެރިނުވާނެ ކަމަށް ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވާ ކަމަށާއި، މީހަކު ކޮށްދިން ހެޔޮކަމަކަށް "ޖަޒާކަﷲ ޚައިރަން" ބުނެފި ނަމަ، އޭނާ އެ ވާޞިލުވީ ޝުކުރުވެރިވުމުގެ އެންމެ މަތީ ދަރަޖައަށް ކަމަށް ޙަދީޘްފުޅުތަކުން އެނގޭ ކަމަށް ވެސް ބަޔާންކުރިއެވެ.
ކީރިތި ރަސޫލާގެ ސިޔަރަތުން ފެންނަ ޝުކުރުވެރިވުމުގެ މިސާލުތަކަށް އަލިއަޅުވާލަމުން، އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާގެ ހެޔޮފުޅުކަން އެކަލޭގެފާނު އަބަދުވެސް ހަނދުމަފުޅު ކުރައްވައި ޝުކުރުވެރިވެވަޑައިގެންނެވި ގޮތް ޚުޠުބާގައި ބަޔާންކުރިއެވެ. އަދި ޠާއިފަށް ކުރެއްވި ދަތުރުފުޅަށް ފަހު މައްކާއަށް ވަޑައިގަތުމަށްޓަކައި މުޠުޢިމު ބުނު ޢަދިއްޔު ދިން ޙިމާޔަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، ބަދުރު ހަނގުރާމައިގެ އަސީރުން މިނިވަންކުރުމާ ގުޅޭގޮތުން ރަސޫލާ ދެއްކެވި ވާހަކަފުޅު ވެސް ގެނެސްދިނެވެ. މިފަދަ މިސާލުތަކުން ދޭހަކޮށްދެނީ ހެޔޮކަމެއް ކޮށްދީފި މީހެއްގެ އަގު ވަޒަންކޮށް ޝުކުރުވެރިވުމަކީ ފުރިހަމަ އިސްލާމީ އަޚުލާޤުގެ ތެރެއިން ހިމެނޭ ކަމެއް ކަމެވެ.
މާތް ﷲ ދެއްވާ ނިޢުމަތްތައް ހަނދާންކުރުމަށާއި، ތިމާ ދަތިޙާލުގައި ވަނިކޮށް އެކަލާނގެ ތަނަވަސްކަން ދެއްވިކަން ހަނދާންކޮށް އެފަދަ ވާހަކަތައް ދައްކައި އުޅުމަކީ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ކަމެއް ކަމަށް ޢިލްމުވެރިން ބަޔާންކުރައްވާ ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ޝުކުރުވެރިވާ މީހުންނަށް ނިޢުމަތްތައް އިތުރުކޮށްދެއްވާނޭ ކަމަށާއި، ނިޢުމަތްތަކަށް ފުރަގަސްދޭ މީހުންނަށް ގަދަފަދަ ޢަޛާބު ދެއްވާނެކަން މާތް ﷲ ވަޙީކުރައްވާފައިވާކަން ހަނދާންކޮށްދެމުން، އެންމެހައި ނިޢުމަތްތަކަށް އަބަދުމެ ޝުކުރުވެރިވުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!