ށ. މާއުނގޫދޫގައި ފެށިގެން ކުރިއަށްދާ "މާއުނގޫދޫ ބަށި މުބާރާތް 2026" ގެ ފޯރިގަދަވެ، މުބާރާތުގައި ވާދަކުރާ ޓީމުތަކުން ނެރެމުންދާ ހިތްގައިމު ވީޑިއޯތަކުން ސޯޝަލް މީޑިއާ ކައްކުވާލައިފިއެވެ.
މިއީ އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގެ އިސްނެގުމާއެކު މާއުނގޫދޫ ކައުންސިލާ ގުޅިގެން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެ ވާދަކުރަމުންދެއެވެ. އިއްޔެ ފެށިގެން ކުރިއަށްދާ މި މުބާރާތުގެ ފޯރިގަދަ ކުޅުމަށްފަހު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ 2026 ނޮވެމްބަރު 13 ވާ ހުކުރު ދުވަހުއެވެ.
މުބާރާތް ހުޅުވި މެޗުގައި ބައްދަލުކޮށްފައިވަނީ މާއުނގޫދޫ ހެލްތު ސެންޓަރުގެ ޓީމާއި މާއުނގޫދޫ ކައުންސިލްގެ ޓީމެވެ. ވާދަވެރި ކުޅުމަކަށްފަހު 22 ލަނޑު 11 ލަނޑުން މި މެޗު ކާމިޔާބުކޮށްފައިވަނީ ހެލްތު ސެންޓަރުންނެވެ.
މި މެޗުގައި ހެލްތު ސެންޓަރުގެ ޖާޒީ ނަންބަރު 3، ފާޠިމަތު މާޝާ ވަނީ މޮޅު ކުޅުމެއް ދައްކައި މެޗުގެ ހުރިހާ ޝަރަފުވެރި ވަނަތަކެއް ހޯދާފައެވެ. އެގޮތުން މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުގެ އިތުރުން، އެންމެ ގިނަ ސައްޕު ހިފި ކުޅުންތެރިޔާ، އެންމެ ގިނަ ފޯލި ޖެހި ކުޅުންތެރިޔާ އަދި އެންމެ ގިނަ ފޯލި ހިފި ކުޅުންތެރިޔާގެ މަޤާމު ވެސް ޙާޞިލުކުރީ މާޝާއެވެ.
މުބާރާތުގެ ކުޅުން ފެށިގެން ކުރިއަށްދާއިރު، ބަށި މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެން ގޮސްފައިވަނީ ވާދަވެރި ޓީމުތަކުން ނެރެމުންދާ ހިތްގައިމު އަދި ފޯރިގަދަ ވީޑިއޯތަކުގެ ސަބަބުންނެވެ. މި ވީޑިއޯތަކާއެކު އތމ ކޮމިޓީގެ ރަސްމީ ފޭސްބުކް ޕޭޖު ވަނީ ވަރަށް ބޮޑަށް ފޯރިގަދަވެ، އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިފައެވެ.
މާއުނގޫދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އެ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައި، ގުޅުން ބަދަހިކުރުމެވެ. މީގެއިތުރުން އެކުވެރި މާޙައުލެއްގެ ތެރެއިން ކަނބަލުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، ރަށު ފެންވަރުގައި މޮޅެތި ބަށި ކުޅުންތެރިންތަކެއް އުފެއްދުމަކީ ވެސް މި މުބާރާތް އިންތިޒާމްކުރުމުގެ ބޭނުމެކެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 8000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ، މެޑަލް އަދި ހަނދާނީ ލިޔުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަނަރއަޕް ޓީމަށް ދިނުމަށް ކަނޑައަޅާފައިވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ، މެޑަލް އަދި ހަނދާނީ ލިޔުން ކަމަށް ވެސް އެ ރަށު ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!