އަންހެނުންގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއިން ދަމަހައްޓަމުން އައި ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑަށް، ބުރާސްފަތި ދުވަހު އާސެނަލްއާ 1-1 އިން އެއްވަރުވުމާ ގުޅިގެން ނިމުމެއް އަތުވެއްޖެއެވެ. މި ނަތީޖާއާއެކު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މިހާރު އޮތީ ތާވަލުގެ ދެވަނައިގައެވެ.

ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 22 ވަނަ މިނެޓުގައި ލަނޑު ޖަހައި ލީޑު ނެގީ އާސެނަލްއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރީޑާ މާނުމްއެވެ. އާސެނަލްގެ ކެއިޓްލިން ފޯޑް ފޮނުވާލި ހަމަލާ ބާސާގެ ކީޕަރު ކަޓާ ކޯލް ދިފާއުކުރުމުން ލިބުނު ބޯޅަ، މާނުމް ވަނީ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

Ad
rt

ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާއިން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. އެގޮތުން 59 ވަނަ މިނެޓުގައި ބާސާއަށް ނަތީޖާ އެއްވަރުކޮށްދިނީ ކެރޮލައިން ގްރަހަމް ހެންސަންއެވެ. އޭނާ މި ލަނޑު ޖެހީ ވާތު ފަޔަށް ބޯޅަ ހެޔޮވަރުކޮށްލުމަށްފަހު ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ. މި މެޗުން ލިބުނު ޕޮއިންޓާއެކު ބާސެލޯނާ ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް އޯއެލް ލިޔޯނާ އަޅާބަލާއިރު ގޯލުގެ ތަފާތުން ފަހަތުގައެވެ.

މި މުބާރާތުގައި ދެން ކުޅުނު މެޗުގައި ބެންފީކާއިން ވަނީ އެސްޓާޑިއޯ ޑަ ލޫޒްގައި އޮސްޓްރިއާ ވިއެންގެ މައްޗަށް 3-1 އިން ކުރިހޯދައިފައެވެ. މި މޮޅާއެކު ބެންފީކާއިން ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އަމިއްލަ ދަނޑުގައި ޗެމްޕިއަންސް ލީގުގެ މެޗަކުން މޮޅުނުވެ ދިޔަ ހަތް މެޗުގެ ސިލްސިލާއަށް ނިމުމެއް ގެނެސްފައެވެ.

އެ މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ނައިކޯލް ރޭސްލާ ތަނަވަސްކޮށްދިން ފުރުސަތަކުން ބެންފީކާއަށް ކުރިހޯދައިދިނީ އަންދްރެއިއާ ނޯޓަންއެވެ. އެހެން ނަމަވެސް، ދެވަނަ ހާފު ފެށިގެން އަށްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކެރީނާ ވެނިންގާ ވަނީ އޮސްޓްރިއާ ވިއެންއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އޮސްޓްރިއާ ވިއެންއަށް މައްސަލަތައް ކުރިމަތިވީ މެޗުގެ 73 ވަނަ މިނެޓުގައި، އޭރިއާ ބޭރުން ފްލޮރިޝް ސަބަސްޓީންއަށް ކުރި ފައުލަކާ ގުޅިގެން އެ ޓީމުގެ ޖަސްމިން ޕާލްއަށް ރަތް ކާޑު ދެއްކުމުންނެވެ. އޭގެ ފައިދާ ނަގައި ބެންފީކާއިން ވަނީ އޭގެ ތިން މިނެޓު ފަހުން ކެރޮލައިން މޮލާގެ ލަނޑުން އަލުން ލީޑު ނަގައިފައެވެ. އަދި އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ރޭސްލާ ވަނީ ބެންފީކާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ނަތީޖާއާއެކު ބެންފީކާ ތާވަލުގެ ނުވަވަނައިގައި އޮތްއިރު، އޮސްޓްރިއާ ވިއެން އޮތީ ތާވަލުގެ އެންމެ ފުލުގައެވެ.