އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް އަލުން ފެށުމާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިދިޔަ ހަފުތާ ބަންދުގައި ފޯނުން ގުޅުއްވައި ވަރުގަދަ ޒުވާބެއް ކުރައްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިސްރާއީލުގެ މީޑިއާތައް ކަމަށްވާ "ޔައިނެޓް" އަދި "ޔެދިއޯތު އަހްރޮނޮތު" އިން މި ފޯން ކޯލުގެ މައުލޫމާތު އެނގޭ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ވެރިންގެ މެދުގައި ދެކެވުނު ވާހަކަތަކުގައި އިންތިހާއަށް ނުތަނަވަސްކަން އުފެދުނެވެ. އަދި އެ ކޯލާ ބެހޭ ގޮތުން މައުލޫމާތު ދިން އެއް ފަރާތަކުން އެކަން ސިފަކޮށްފައިވަނީ "ނަރަކައިގެ ހަޅޭއްލެވުންތަކެއް" ފަދަ ވަރުގަދަ ޒުވާބެއްގެ ގޮތުގައެވެ.
މި ޒުވާބުގެ މައިގަނޑު ސަބަބަކީ އީރާނުގެ ވެރިކަން ވައްޓާލުމަށް އަމާޒުކޮށް އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށުމަށް ބާރުއެޅުމުގެ ގޮތުން ނަތަންޔާހޫ ގާތްގަނޑަކަށް ކޮންމެ ދުވަހަކު ޓްރަމްޕަށް ފޯނުން ގުޅަމުން ގެންދިޔުމެވެ. ނަމަވެސް، އަލުން ހަމަލާތައް ފެށުމާ ދެކޮޅު ހައްދަވައި، ޓްރަމްޕް އިސްކަންދެއްވަނީ ޑިޕްލޮމެޓިކް ވަސީލަތްތަކަށާއި އިގްތިސާދީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެން ކުރިއަށް ދިއުމަށެވެ.
މި ރިޕޯޓުތައް ދޮގުކުރަމުން ނަތަންޔާހޫގެ އޮފީހުން ބުނީ މިއީ "ފޭކް ނިއުސް" ކަމަށާއި މުޅިން ބޭކާރު ވާހަކަތަކެއް ކަމަށެވެ. މީގެ އިތުރުން، އިސްރާއީލުގެ އިސް އޮފިޝަލަކު މިދިޔަ ހަފުތާ ބަންދުގައި އެ ދެ މީހުން ފޯނުން ވާހަކަދެއްކެވިކަން ކަށަވަރުކޮށްދެއްވި ނަމަވެސް، އެއީ އެއްވެސް ހާލެއްގައި ދަތި އުނދަގޫ ވާހަކަތަކެއް ނޫން ކަމަށް ވަނީ ބުނެ އެކަން ފޮރުވަން މަސައްކަތްކޮށްފައެވެ.
ފޯނު ކޯލުގެ ޒުވާބާ ގުޅޭ ގޮތުން އެމެރިކާގެ ވައިޓް ހައުސްއިން ސީދާ އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް ވައިޓް ހައުސްއިން ބުނީ، ހޮރްމޫޒް ކަނޑުއޮޅި އެމެރިކާގެ ކަނޑުގެ ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގައި އޮތުމާއި، "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" އަދި "އޮޕަރޭޝަން އަޔަން ގޭޓް" ގެ ދަށުން އަޅަމުންދާ އިގްތިސާދީ ހަރުކަށި ފިޔަވަޅުތަކާއެކު އެމެރިކާ އޮތީ ނުފޫޒުގަދަ މަގާމެއްގައި ކަމަށެވެ. އަދި ޓްރަމްޕްގެ އަތްޕުޅުގައި ހުރިހާ ބާރެއް އެބައޮތް ކަމަށާއި، އެމަނިކުފާނު ނިންމަވާނީ އެމެރިކާއަށް އެންމެ ފައިދާހުރި ގޮތް ކަމަށް ވެސް ބުންޏެވެ.
މި ހިޔާލުތަފާތުވުމުން ހާމަވަނީ ވޮޝިންޓަނާއި ޔެރޫސަލަމްއާ ދެމެދު އުފެދެމުންދާ ސްޓްރެޓީޖިކް ބޮޑު ފަރަގެވެ. މި ހަފުތާގެ ކުރީކޮޅު އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް (ކްނެސެޓް) ގައި ވާހަކަދައްކަވަމުން ނަތަންޔާހޫ ބުނީ، އީރާނުން އަނެއްކާވެސް ނިއުކްލިއާ ބިރުވެރިކަން އުފައްދަން މަސައްކަތްކުރަމުންދާ ކަމަށާއި، ދާއިމީ ހަމައެކަނި ހައްލަކީ "އާޔަތުﷲ ގެ ވެރިކަން ވައްޓާލުން" ކަމަށެވެ.
ނަމަވެސް، ގަތަރުގައި ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު ހަނގުރާމަ "ހަގީގަތުގައި ނިމުމަކަށް އައިސްފައިވާ" ކަމަށާއި، މި ވަގުތު އަލުން އަސްކަރީ ހަމަލާތަކެއް ދޭން ނުޖެހޭ ކަމަށް ޓްރަމްޕް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އީރާނުގެ ފްރީޒްކޮށްފައިވާ އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ މުދަލާއި ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެމެރިކާގެ ބާރުގެ ދަށުގައި އޮތުމުން، ތެހެރާނާއެކު ރަސްމީ އެއްބަސްވުމެއް ހެދުމުގެ ބޭނުމެއް މިހާރު ނެތް ކަމަށް ވެސް މިދިޔަ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!