ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ދިވެހި ފަސިންޖަރަކު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސްއިން މައުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަނުގައި އަތުލައިގެންފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ ފަސިންޖަރުގެ ހަށިގަނޑު ތެރެއިން މަސްތުވާތަކެތި އަޅާފައިވާ 19 ބުލެޓް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 284.9 ގްރާމް ހުއްޓެވެ.
އެ އިދާރާއިން ހާމަކުރި ތަފުސީލުތަކަށް ބަލާއިރު، އަތުލައިގަތް ތަކެތީގެ ތެރޭގައި ހިމެނެނީ 117.6 ގްރާމްގެ ކޮކެއިން (Cocaine) އަދި 167.30 ގްރާމްގެ ސިންތެޓިކް ކެތިނޯން (Synthetic Cathinone) އެވެ.
ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ 2026 އޮކްޓޯބަރު 24 ވަނަ ދުވަހު ތައިލޭންޑުން ރާއްޖެ އައި ފަސިންޖަރެއްގެ އަތުން ކަމަށެވެ.
އެ މީހާ ހުއްޓުވައި ފާސްކުރީ އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން ކަމަށާއި، ކަސްޓަމްސްގެ އޮފިސަރުން އެ ފަސިންޖަރާ ސުވާލުކޮށް އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި މި ތަކެތި ފެނިފައިވާ ކަމަށް ވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!