ހއ. ވަށަފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ އަތޮޅުގެ ދިގުފެތުމުގެ ފުރަތަމަ މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މުބާރާތަކީ ހއ. އަތޮޅަށް ޚާއްސަކޮށްގެން މޯލްޑިވްސް އެކުއަޓިކްސް އިން އިންތިޒާމުކޮށް، ވަށަފަރު ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.
ވަށަފަރު ކައުންސިލުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިހާރު 5 ނޮވެމްބަރުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. މީގެކުރިން މި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކަށް ކަނޑައަޅާފައި އޮތީ 1 ނޮވެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
ހއ. އަތޮޅަށް ޚާއްސަކޮށްގެން ވަށަފަރުގައި ބާއްވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ 13 އަދި 14 ނޮވެމްބަރު 2026 ގައެވެ.
މޯލްޑިވްސް އެކުއަޓިކްސްއިން ބުނި ގޮތުގައި، މި މުބާރާތަކީ ވާދަވެރި ފެތުންތެރިންގެ އިތުރުން، ކަނޑުފަޅުގެ ހުޅުވާލެވިފައިވާ ދިޔަވަރުގައި އަމިއްލަ ހުނަރު އިމްތިހާނުކޮށްލަން ބޭނުންވާ ފަރާތްތަކަށް ވެސް ފުރުސަތު ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މުބާރާތެކެވެ. މީގެއިތުރުން މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ކުޅިވަރުގެ ރޫހު އާލާކުރުމާއި، އެކުވެރި މާހައުލެއްގައި ފެތުމުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ވެސް އެ ޖަމްޢިއްޔާއިން ހާމަކުރެއެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓީމު ކެޓަގަރީ އަދި އޯޕަން ކެޓަގަރީ ހިމެނޭ ގޮތަށެވެ. އެގޮތުން މުބާރާތުގައި ހިމެނޭ އިވެންޓްތަކުގެ ތެރޭގައި 3 ކިލޯމީޓަރުގެ ރޭހާއި، 1 ކިލޯމީޓަރުގެ ރޭހުގެ އިތުރުން 500 މީޓަރުގެ ކިޑްސް ސްވިމް އަދި 500 މީޓަރުގެ ރިލޭ ހިމެނެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، އޯޕަން ކެޓަގަރީގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުގައި އެ ކަމަށް ޚާއްސަކޮށްފައިވާ ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. އަދި ޓީމު ކެޓަގަރީގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން ވެސް ފޯމު ހުށަހަޅަން ޖެހެނީ އެކަމަށް ޚާއްސަ ލިންކު މެދުވެރިކޮށް ކަމަށްވާއިރު، މި ދެ ކެޓަގަރީއަށް ޚާއްސަކޮށްފައިވާ ކިއުއާރް ކޯޑު ވެސް ފޭސްބުކް ޕޭޖުގައި ވަނީ އާންމުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!