ށ. ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި މަސައްކަތް ސްޓެލްކޯއާ ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި އެ ކުންފުންޏާ ދެމެދުގައެވެ.
އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޢަލީ ފާރިސް ޔޫސުފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޢާއިޝަތު މުޒްނާއެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 3,822,120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި) ދިވެހި ރުފިޔާއެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ އެންމެހައި މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައެވެ.
ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތުގެ އިތުރުންވެސް، އެ ރަށުގެ އުމްރާނީ ތަރައްޤީއާ ގުޅޭ ތަފާތު އެކި މަޝްރޫޢުތައް މިވަގުތުވެސް ސަރުކާރުން ދަނީ އެ ރަށުގައި ކުރިއަށްގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!