ތިލަދުންމަތީ ހުނަރުވެރިން: ވަށަފަރު ހަ ބެއިން، ދަނޑުމަތީގައި އަލިގަދަ ތަރިންތަކެއް

0F3E0938-4E68-4DE5-83A4-9475B7D2DBE0

ހއ. ވަށަފަރު ގިރީތެރޭގޭ މުޙައްމަދު ރަޝީދާއި ވަސީމާ ޢަލީއަށް ލިބުނު 6 ފިރެހެން ދަރީން ވެސް އަންނަނީ ފުޓްބޯޅައިގެ ދުނިޔޭގެ އެންމެ އުހުގައި ފިޔަޖަހަމުންނެވެ. ކުޑައިރުއްސުރެ، ފުޓްބޯޅައަކީ އެކުދިންގެ އެންމެ މަޤްބޫލް ކުޅިވަރެވެ. އެހެންކަމުން ގޭތެރެއިން އުފެދިގެން އައި ފުޓްސަލް ޓީމް ކަމަށްވާ "ޗެލެންޖާރސް އެފްސީ" އަކީ މިކުދިންގެ އަމިއްލަ ޓީމެކެވެ.

އަޙްމަދު ސިނާން، (32އ) އަދި 31 އަހަރުގެ ޙަސަން ސިނާނާއި ޙުސައިން ސިނާން އަދި 27 އަހަރުގެ ޢަބްދުﷲ ސިނާނާއި 25 އަހަރުގެ އިބްރާހިމް ސަނޫން އަދި 19 އަހަރުގެ އަލީ ޔަޒްދާނަކީ ކުޅޭ ކޮންމެ މެޗަކުން މައިންބަފައިންގެ އިތުރުން މުޅި ރަށް ފަޚްރުވެރިވާފަދަ ހުނަރުވެރި ދަރީންތަކެކެވެ.

"ގޯލްޑަން ފުޓްސަލް ޗެލެންޖް" ގައި 2015ގައި ހއ އަތޮޅުން ބައިވެރިވި، ހަމައެކަނި ޓީމަކީ ވެސް މި ހަބެއިން ތަމްސީލްކުރާ " ޗެލެންޖަރސް އެފްސީ"އެވެ. ފުޓްބޯޅަ އާއިލާއަކަށްވެފައިވާ މިއާއިލާގައި އެއްމާބަނޑު ދެބެއިންވެސް ތިބެއެވެ. އެއީ ހަސަން ސިނާނާއި ހުސައިން ސިނާނެވެ.

މި އަހަރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް މުބާރާތުގައި 5 ބެއިން ދަނޑުމަތީގައި

އެގޮތުން މިއާއިލާއަށް ލިބިފައިވާ އެންމެ ޚާއްސަ ޝަރަފަކީ، އެއާއިލާއަށް 4 ވަނައަށް އުފަން، ޙުސައިން ސިނާން ފީފާ ރެފްރީއަކަށް ވުމެވެ. ޙުސައިން ވެސް އައީ އެހެން ކުދީންނެކޭ އެއްފަދައިން ފުޓްބޯޅަ ކުޅެމުންނެވެ. ކޮންމެ އަހަރެއްގެ ރޯދަމަހު، ކުޑަގޯލަށް ކުޅޭ އުސޫލުން އެރަށު ކުދިންވެގެން މުބާރާތެއް ބާއްވައެވެ. މި މުބާރާތުގައި ބައިވެރިވުމަކީ ޙުސައިންމެން ކޮންމެހެން ބޭނުންވާ ކަމެކެވެ. އޭރު އެހާ ބޮޑަށް ޤަވާޢިދުތަކާއި އެއްޗެހި ނޭނގޭތީ ޙުސައިން ސިނާންގެ ވިސްނުމަށްއައީ ރެފްރީ ކޯހެއް ހެދުމެވެ. އެއީ ފުޓްސަލްގެ ޤަވާޢިދުތަކަށް ރަނގަޅަށް އަޙުލުވެރިވުމަށްޓަކައެވެ. އަދި ދެންތިބި ކޮއްކޮއާއި ބޭބެމެންނަށް އެކަން ކިޔައިދިނުމަށް ބޭނުންވާތީއެވެ.

 

 

"އަސްލު ބައިވެރިވީ ރެފްރީކަމުގައި ކުރިއަށް ދާކަށްނޫން. ބައިވެރިވީ ޤަވާޢިދުތަކަށް އަހުލުވެރިވާން. ދެން ރެފްރީކޯހުގެ ތެރެއިން އިންޓްރެސްޓް އުފެދުނީ މިދާއިރާއިން ކުރިއަށްދާން.."

އެޗް.ޑީސީގެ ކޮމިޔުނިޓީ މޮނިޓަރިންގ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރާ ޙުސައިން ބުންޏެވެ.

އެގޮތުން އޭނާ ކޯހުގައި ކިޔަވަމުންދަނިކޮށް، ރެފްރީ ޑިރެކްޓަރެއް އޭނާއަށް ލަފާދެއްވީ ފުޓްބޯޅަ ރެފްރީ ކޯހެއް ފުރިހަމަކުރުމަށެވެ. އެހެންކަމުން ޙުސައިން ބޭނުންވީ އެބޭފުޅުން ދެއްވި ލަފަޔާ އެއްގޮތުގެ މަތީން ފުރުޞަތު އޮތް ދިމާލަކަށް އުދުހި ގަންނާށެވެ. އީރާންގައި އޮންނަ ފުޓްބޯޅަ ރެފްރީ ކޯހަކަށް ކޮންމެ ދެއަހަރުން އެއް އަހަރު ރާއްޖެއަށް ފުރުޞަތު ލިބޭނެކަން އެނގުމާއެކު އޭނާގެ ޢަޒުމަކަށް ވީ އެފުރުޞަތު ހޯދުމަށެވެ. މާތްﷲގެ އިރާދަފުޅުން ޖެހިގެން އައި އަހަރު އެކޯހުގައި ބައިވެރިވުމަށް ހޮވުނީވެސް އޭނާއެވެ. އެކަން ވެގެންދިޔައީ އެރޮނގުން ކުރިއަށްދާން އޭނާއަށް ލިބުނު އިތުރު ހިތްވަރަކަށެވެ.

އޭގެ އިތުރުން 2017 ވަނައަހަރު އޭއެފްސީ ރެފްރީ ކޯހުގައިވެސް ބައިވެރިވުމަށް ރާއްޖެއަށް ލިބުނު ފުރުޞަތުވެސް ލިބުނީ ޙުސައިން ސިނާނަށެވެ. ހަތަރު އަހަރު ދުވަހުގެ އެކޯސް ފުރިހަމަ ކުރުމަށްފަހު އޭނާ ގްރެޖުއޭޓްވީ މިދިޔަ އަހަރުގައެވެ. އެކޯސް ފުރިހަމަކުރުމާއެކު އޭނާ ވެގެން ދިޔައީ އޭއެފްސީ އެލީޓް ރެފްރީއަކަށެވެ. ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުންގޮސް ފީފާ ރެފްރީ ބެޖް ޖެހުމުގެ ޝަރަފް ލިބުނީ 2020ވަނަ އަހަރެވެ. އެއީ އޭނާދުށް އެންމެ ފޮނި ހުވަފެންވެސްމެއެވެ.

" ފީފާ ރެފްރީއަކަށް މިހުރީ! އޭއެފްސީ އެލީޓް ރެފްރީއެއްގެ ގޮތުގައި! "

ފަޚްރުވެރިކަމާއެކު އޭނާ ބުންޏެވެ.

މެދު އުޑުގައި ފިޔަޖަހަމުން އަންނަ ޙުސައިން ބުނި ގޮތުގައި ވަރަށް ގިނަ މެޗްތަކުގެ ރެފްރީކަން މިހާރު އޭނާއަށް ކުރެވިއްޖެއެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއާއި ބަނގްލަދޭޝްގެ ފްރެންޑްލީ މެޗެއްގައި ރެފްރީކަން ކުރީ އޭނާއެވެ. އަދި އޭއެފްސީ އަންޑަރ 20 މުބާރާތުގެ ކެމްބޯޑިއާގައި ލިބްނާން ކުޅުނު މެޗުގައްޔާއި އަންޑަރ 17 މެޗުގައި ރެފްރީކަން ކުރީ ވިއެޓްނާމްއާ ތައިލެންޑް މެޗްގައިވެސް އޭނާ ރެފްރީކަން ކޮށްފައިވެއެވެ. އޭނާ ބުނިގޮތުގައި އެ ދާއިރާއިން އެންމެ ބޮޑަށް ފުރުޞަތު ލިބޭނީ ފީފާ ރެފްރީއަކަށްވެ، އޭއެފްސީ އެލީޓް ރެފްރީއަކަށް ވުމުންނެވެ.

އޭނާ އެލީޓް ރެފްރީއަކަށްވީ މިދިޔަ އަހަރުއެވެ. އޭގެ ފަހުން ފާހަގަކޮށްލެވޭ ދެ މެޗެއްގެ ރެފްރީކަން އޭނާވަނީކޮށްފައެވެ. އެހެންކަމުން މިއީ އަދި ކާމިޔާބީގެ ފެށުން ކަމުގައި އޭނާ ދެކެއެވެ. އޭނާގެ ދެވަނަ ޢަމާޒަކީ އޭޝިއާގެ ޤައުމުތަކުގެ މެދުގައި ކުޅޭ " އޭޝިއަން ކަޕް" ގެ މެޗްތަކުގައި ރެފްރީކަން ކުރުމެވެ. ކޮންމެ ޢަމާޒަކަށް  ވާޞިލްވުމަށްޓަކައި ގަދައަޅާ މަސައްކަތްކުރަންޖެހޭކަމަށް ޙުސައިންދެކެއެވެ. 31 އަހަރުގެ ޙުސައިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ވޯލްޑްކަޕްގެ މެޗެއްގެ ރެފްރީކަން ކޮށްލުމެވެ.

" މިރޮނގުން ކުރިއަށްދާން އެންމެ ހިތްވަރުދެނީ އާއިލާ! ދެން އެފްއޭއެމް އަދި ސީނިއަރ ރެފްރީންގެ ފަރާތުން.."

އެ އެންމެހާ ފަރާތްތަކަށް އޭނާ ޝުކުރު އަދާކުރާކަމުގައި ބުންޏެވެ.

މިހާރު ހުރިހާ އެންމެންވެސް ކުޅެމުންދަނީ " ގޯލްޑެން ފުޓްސަލް ޗެލެންޖް" ގައި ވަށަފަރު ޓީމަށެވެ.  މީގެ ކުރިން އަޙްމަދު ސިނާންވަނީ " ކްލަބް މޯލްޑިވްސް ކަޕް" ގައި ދެފަހަރުމަތިން ސިލްވަރ މެޑަލް ހޯދާފައެވެ.އަދި އެމްޕީއެލްއަށް ކުޅެގެން ގޯލްޑް މެޑަލްވެސް އޭނާވަނީ ހޯދާފައެވެ.

އޭގެ އިތުރުން އެމްޕީއެލް ޓީމްގައި މޮޅު ކުޅުމެއް ދައްކާފައިވާ ސަނޫން ވަނީ " ކްލަބް މޯލްޑިވްސް ކަޕް" ގައި ސިލްވަރ މެޑަލް ހޯދައި ޓީމަށް ރީތިނަން ހޯދައިދީފައެވެ. ސަނޫންވަނީ 2019 ވަނަ އަހަރުގައިވެސް މި މުބާރާތުގައި އެސްޓީއޯ ޓީމްގައި މުޙިއްމު ރޯލެއް އަދާކޮށްފައެވެ.

ދިވެހިރާއްޖެއަކީ ފުޓްބޯޅައިގެ ފޯރި ގަދަ ޤައުމެކެވެ. ރާއްޖޭގެ މީހުންގެ ހިތްތަކުގައި ފުޓްބޯޅައާއި ކުޅުންތެރިންނަށް ދެވިފައިވާ ލޯތްބާއި ޤަދަރަކީ ފާހަގަ ކޮށްލެވޭ ކަމެކެވެ. އެހެންކަމުން މިފަދަ ދަރީންތަކެއްގެ މައިންބަފައިން އެކުދިންނާއިމެދު ކިހާ ފަޚްރުވެރިވާނެތޯއެވެ.

" އަބަދުވެސް އެކުދިންނަށް ދޭނެ ނަޞޭޙަތަކީ ދަނޑުމަތިން ވަރަށް ގިނަ މައްސަލަތައް ދިމާވާނޭ! ކަންތައްތައް ޙައްލުކުރުމުގައިވެސް އަބަދުވެސް ޑިސިޕްލިން ހިފަހައްޓާށޭ! ބައްޕަ ވަރަށް އުފާވޭ އަދި ވަރަށް ފަޚްރުވެރިވޭ އެކުދިންނާމެދު! "

ހުނަރުން ފުރިފައިވާ މި ކުޅުންތެރީންގެ ބައްޕަ މުޙައްމަދު ރަޝީދު ބުންޏެވެ.

އޭނާ ބުނިގޮތުގައި ކުޑައިރުވެސް ކިޔެވުމުގެ އިތުރުން އެކުދީން އުޅޭނީ ފުޓްބޯޅަ ކުޅުމުގައެވެ. އެގޮތަށް އުޅޭތަން ފެނުމުން ވަރަށް އުފާވާކަމުގައިވެސް އޭނާ ބުންޏެވެ.

" އެންމެ އުފާވީ. އަދި އެންމެ ފަޚްރުވެރިވީ އަތޮޅު މުބާރާތުން ޗެމްޕިއަންކަން ގެނައި ދުވަސް"

ދަރީންނާއިމެދު އުއްމީދުން ފުރިފައިވާ ބައްޕަ ބުނެލިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ހަމަ މިފަދަ 3 ބެއިން މަކުނުދޫ ޓީމްގައި ވެސް އެބަތިބި ސައިބާން އަހުމަދު،ނިހާން އަހުމަދު،ޒިދާން އަހުމަދު ފާހަގަ ނުކުރީތީ ހިތާމަ ކުރަން

  2. މި ހަބަރުބަ ލިޔެފަ އޮތީ މުޅި ތިލަދުންމަތީ ހުރިހާ ކުޅުންތެރިންގެ ވާހަކައެއް ނޫން. ވަށަފަރު 6 ކުޅުންތެރިންގެ ވާހަކަ. އެހެންވީމަ މަކުނުދޫ 3 މީހުންގެ ވާހަކަ މިހަބަރުގަ ނުގެނެސްގެން ހިތާމަ ނުކުރޭ "މީހެއް"

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *