މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް އެސްޓީއޯ އިން މިފްކޯ އަށް މި އަހަރުގެ މިހާތަނަށް 150 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.
އެސްޓީއޯގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތަކާ އެކު މިދިޔަ ހޯމަ ދުވަހު ނެރެފައިވާ ބަޔާނެއްގަ މިކަން ވަނީ ހާމަކޮށްފައެވެ.
މިފްކޯ މިހާރު ހިންގަމުން އަންނަނީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ކަމަށްވާ އެސްޓީއޯގެ ބައެއްގެ ގޮތުގަ އެވެ. ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަމުން ގެންދިޔަ މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުކުރަން ސެޕްޓެމްބަރު 2016 ގައި އޭރުގެ ސަރުކާރުން ނިންމީ، މިފްކޯގެ ދަރަނި ބޮޑުވެ، ބަނގުރޫޓުވާ ހިސާބަށް ދިއުމުންނެވެ. އެގޮތުން، އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރި އެ ކުންފުނީގެ ދަރަނި 300 މިލިއަން ރުފިޔާގައި ހުރިއިރު، އެ ދަރަންޏާ އޭރު ސަރުކާރުން ހަވާލުވި އެވެ.
މިފްކޯގެ ގެއްލުން މިހާރު އެއް ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށާއި އެއީ ގެއްލުން ނުވެ ހިންގާ ކުންފުންޏަކަށް މި އަހަރުގެ ތެރޭގައި ހެދުމަށް އަމާޒު ހިފާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ މިދިޔަ މަހު ވިދާޅުވެފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ހަމަ އެ މޭރުމުން ވާހަކަދައްކަވާފަ އެވެ. އެގޮތުން، މިފްކޯގެ ކެޕޭސިޓީ ބޮޑުކުރުމުގެ ގޮތުން ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ ފެސިލިޓީތައް އިތުރަށް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް އެ މަނިކުފާނު ވަނީ ކުރިން ވިދާޅުވެފަ އެވެ.
މީގެ އިތުރުން، މިފްކޯ އަށް ގަންނަ މަހަށް ހަމަ އަގު ހޯދައިދިނުމަށްޓަކައި ވެލިއު އެޑްކޮށްގެން ރާއްޖެ އިން ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފެށޭނެ ކަމަށް ވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!