ދިވެހިރާއްޖޭގެ ގައުމީ އެއަރ ލައިން އަށް މިއަހަރުގެ ދެވަނަ ކުއާޓާގައި 10.8 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ)އިން ބުނެފި އެވެ

ޕީސީބީ އިން ނެރުނު ރިޕޯޓުގައިވާ ގޮތުން ކުންފުނީގެ މާލީ ހާލަތު ދަށްވެ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އަށް މިއަހަރުގެ ދެވަނަ ކުއާޓާގައި ލިބިފައިވާ ގެއްލުމަކީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި ލިބުނު ފައިދާއާ އަޅާބަލާ އިރު، 116 ޕަސެންޓް ދަށް އަދަދެއްކަމަށެވެ.

Ad
rt

2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އައިއޭއެސްއިން ވަނީ 68.05 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފަ އެވެ. އެހެންކަމުން މިއަހަރު މި މުއްދަތުގައި ލިބިފައި މިވަނީ 78.79 މިލިއަން ރުފިޔާ މަދުއަދަދެކެވެ.

މީގެ އިތުރުން އެފަރާތުގެ އާމްދަނީ އިން 83.58 މިލިއަން ރުފިޔާ މަދުވި ނަމަވެސް، ހަރަދުތައް ވަނީ 142.03 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ހަރަދުތައް މައިގަނޑު ގޮތެއްގައި އިތުރުވެފައި ވަނީ، މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތަކުގެ ބައިންކަން ރިޕޯޓުން ފާހަގަކުރެވެއެވެ.

ޕީސީބީގެ ރިޕޯޓުގައި ފާހަގަކުރި ގޮތުން ކުންފުނީގެ ދެވަނަ ކުއާޓަރުގެ ވިޔަފާރި ބޮޑުތަނުން ދަށަށް ދިޔުމާ އެކު ކުންފުނީގެ ދަރަނި ވަނީ 73 މިލިއަން ރުފިޔާ އިތުރުވެ، 647.75 މިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި ކުންފުންޏަށް އެކި ފަރާތްތަކުގެ އަތުން ލިބެން ހުރި ފައިސާގެ އަދަދުވެސް ވަނީ، 17 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

އައިއޭސްގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނިންވަނީ ވިޔަފާރި ކުރުމަށް 300.62 މިލިއަން ރުފިޔާ ހަރަދުކޮށްގެން އާމްދަނީގެ ގޮތުގައި، 541.52 މިލިއަން ރުފިޔާ ހޯދާފަ އެވެ. އެހެން ނަމަވެސް، މި އަހަރުގެ ދެވަނަ ކުއާޓާގައި އައިއޭސްއިން 319.98 މިލިއަން ރުފިޔާގެ ވިޔަފާރި ކުރި ނަމަވެސް، އާމްދަނީގެ ގޮތުގައި ލިބުނީ 457.94 މިލިއަން ރުފިޔާ އެވެ. އެއީ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 83.58 މިލިއަން ރުފިޔާ ދަށްވުމެކެވެ. އޭގެ ސަބަބުން ކުންފުންޏަށް 10.75 މިލިއަން ރުފިޔާގެ ގެއްލުމަކާ މި ވަނީ ކުރިމަތިވެފައެވެ.

ޕީސީބީގެ ރިޕޯޓުގައިވާ ގޮތުގައި، އައިއޭއެސްއަށް ގެއްލުންވާން ދިމާވި މައިގަނޑު ސަބަބަކީ ކުންފުނީގެ އާމްދަނީދަަށަށް ދިޔަ ނަމަވެސް ހަރަދުތައް މައްޗަށް ދިޔުންކަމަށް ވަނީ ބަޔާންކޮށްފައެވެ.