ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބޮޑު ޚަރަދެއް ކުރުމަށްވުރެ އެ ފައިސާ ރައީސް ޞާލިޙްގެ ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ޚަރަދުކުރުމަކީ ގައުމަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އެ ބަދަލު ގެންނަން ޤާނޫނުއަސާސީއަށް އިސްލާޙްތަކެއް ގެންނަން މަސައްކަތް ފެށުމަށް ފާސްކުރަން ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް އެމަނިކުފާނު ވަނީ ހުށަހަޅުއްވާފައެވެ. އަދި މިއަދު ވަނީ އެ އިސްލާޙްތަކުގެ ތަފްސީލް ހާމަކުރައްވާފައެވެ.
ރައީސް ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި އެ ތަފްސީލް ދެއްވިތާ ކުޑަ އިރުކޮޅެއްތެރޭ މެންބަރު ރާޢީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިލިއަނުން ދިވެހި ދައުލަތުން ހަރަދުކޮށްގެން ރައްޔިތުންގެ ފެންނަ ނުފެން ވޯޓަކަށް ދިއުމަށް ވުރެ ރައީސް ޞާލިޙް ދިވެހި ގައުމަށާއި ރައްޔިތުންނަށްޓަކައި މުޅިރާއްޖޭގައި ހިންގަމުން ގެންދާ ގިނަގުނަ ތަރައްޤީގެ މަޝްރޫޢު ތަކަށް އެފައިސާ ހަރަދު ކުރުން އެއީ މިވަގުތައް ގައުމަށް އެންމެ ހެޔޮގޮތް ކަމަށެވެ.
ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނުއަސާސީ އިސްލާހު ގެނައުމާ މެދު އެމްޑީޕީގެ ތާއީދު ހޯދަން ނަޝީދު ގަރާރު ހުށަހަޅުއްވާފައިވާ އިރު، އެ ޕާޓީގެ ތެރޭގައި މި މައްސަލައާއިގުޅޭ ޚިޔާލުތަފާތުވުން އޮތްކަމަށް ކުރިން ވެސް ވަނީ ބެލެވިފައެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް، އެމްޑީޕީގެ ތާއީދު ހޯދަން އެ ޕާޓީގެ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާ ޑްރާފްޓުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހުންނަވާނީ ރަމްޒީ މަގާމެއްގަ އެވެ. ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތަށް އޮތީ ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ އަދި ވޯޓު ދިން މީހުންގެ 35 ޕަސެންޓަށް ވުރެން މަތީ އަޣުލަބިއްޔަތު ހޯދާ ބޭފުޅެކެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، ވެރިކަމަށް އަންނަ ބޭފުޅަކަށް 35 އިންސައްތައަށްވުރެ ދަށް ލިބިގެން މަގާމަށް އާދެވޭނަމަ އެއީ އެކަށޭނަ ތާއީދެއް ނޫންކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!