މޯލްޑިވްސް ޕޮލިސް ސަރވިސްގެ 2019 އިން 2024 އަށް އެކުލަވާލައިފައިވާ ސްޓްރެޓިޖިކް ޕްލޭންގެ ރޯޑް އެންޑް މެރިޓައިމް ޕޮލިސިންގައި އެކުލެވޭ، ސަރުކާރު މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ޓްރެފިކް އެވެއަރނަސްގެ ދެވަނަ ޕްރޮގްރާމް އެސްޓީއޯގެ މުވައްޒަފުންނަށް ފަށައިފިއެވެ.
މި ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވުމާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމުގެ މުހިންމު ކަމާއިގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.
ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން މި އޮކްޓޯބަރު މަހުގެ 27 އިން 31 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި، އެސްޓީއޯގެ 100 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މި ޕްރޮގްރާމްގައި މަޢުލޫމާތުދެއްވަނީ ޓްރެފިކް ޕޮލިސިންގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ފުލުހުންނެވެ.
މި ޕްރޮގްރާމަކީ ސަރުކާރުގެ ހުރިހާ މުއައްސަސާއަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ސިލްސިލާ ޕްރޮގްރާމެކެވެ. މި ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މުވައްޒަފުންނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!