މޯލްޑިވްސް ޑެވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވެރިކަމަށް އައުމަށް ކޯލިޝަނެއް ބޭނުން ނުވާ ކަމަށާއި، އެފަދަ ވިސްނުމެއް ވެސް ނެތް ކަމަށް އެ ޕާޓީގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ސިޔާމް ވިދާޅުވީ އެމްޑީއޭ އަކީ ސާފުތާހިރު ބައެއް ކަމަށެވެ. އެ ޕާޓީގެ ފަސްބައި ވަރަށް ސާފު ވާނެ ކަމަށާއި، ވެރިކަމަށް އަންނަން ބޭނުން ނަމަ ކޯލިޝަނެއް ބޭނުމެއް ނުވާނެ ކަމަށެވެ. އަންނަ އަހަރު އެ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިޚާބަށް ވެސް ނިކުންނަވާ ސިޔާމް ވިދާޅުވީ ކޯލިޝަނަކާ ނުލައި ވެރިކަން ކާމިޔާބު ވާނެ ކަމަށެވެ.
''އަޅުގަނޑު ދެކޭ ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ޕާޓިއަކުން ކޮންމެހެން ކޯލިޝަނެއް ބޭނުމެއް ނުވޭ ދިވެހިރާއްޖޭގެ ވެރިކަން މިވަގުތު އަންނާކަށެއް، އެއީ އަޅުގަނޑުމެންނަކީ ވަރަށް ސާފުތާހިރު ބައެއް،'' ޝިޔާމް ވިދާޅުވެފަވެއެވެ.
ސިޔާމް ވިދާޅުވި ގޮތުގައި ގައުމު މިހާރު އޮތް ހާލަތުން ރައްޔިތުން އެދޭ ފަދަ ހާލަތަކަށް ގެންދެވޭނެ ޕާޓީ އަކީ އެމްޑީއޭއެވެ. އެގޮތުން އެ ޕާޓީ އަކީ މިހާރު ވެސް ދިވެހިންނަށް ފައިސާގެ ގޮތުން އެންމެ ބޮޑު ހަރަދެއް ކުރަމުން އަންނަ ޕާޓީ ކަމަށާއި، އެކަން ދިވެހިންނަށް އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންވީމަ އެ ޕާޓީ އަކީ ދިވެހިންނަށް ކަންކަން ކޮށްދެވޭނެ ބައެއްގެ ގޮތުގައި ބަލައިގަންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ވިދާޅުވިއެވެ.
އެމްޑީއޭ އިން މިއަދު ބޭއްވި ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރުގެ ނަން ރައީސަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!