ރާއްޖެ އަށް މި އަހަރު އައި ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް އަރައިފިއެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ރަސްމިްޔާތެއް ބާއްވައިފައެވެ.

Ad
rt

އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްހެ އައީ މިއަދު ހެނދުނު ގަތަރު އެއާވޭސްގެ ފްލައިޓަކުންނެވެ. އެއް މިލިއަން ވަނަ ޓޫރިސްޓަކީ ޗެކް ރިޕަބްލިކަށް އުފަން އުމުރުން 29 އަހަރުގެ ޑެނިއެލާ ކިލްނަރޯވާއެވެ.

އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރާނީ ރޮބިންސަން ކްލަބް ނޫނު ރިސޯޓުގައެވެ.

ޑެނިއެލާ ބުނީ މިއީ އޭނާ ރާއްޖެއަށް އައި ތިން ވަނަ ފަހަރު ކަމަށާއި ރާއްޖެއަކީ އޭނާއަށް އެންމެ ކަމުދާ މަންޒިލް ކަމަށެވެ. އަދި މިއީ ކޯވިޑަށް ފަހު އޭނާ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރު ކަމަށާއި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޮވުމުން އުފާވާ ކަމަށް އޭނާ ބުންޏެވެ.

މިއަދު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޑެނިއެލާއަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަދި އެމްއޭސީއެލް އިން ވަނީ ހާއްސަ ހަދިޔާތަކެއް ދީފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހު ވިދާޅުވީ އުއްމީދު ކުރަނީ ސަރުކާރުން ކަނޑައަޅާފައިވާ 1.6 މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒަށް ނޮވެމްބަރުގައި ވާސިލްވުން ކަމަށެވެ. އަދި މީގެ ކުރިން އަހަރުގެ މިހާ ހިސާބުގައި އެއް މިލިއަން ހާސިލުވީ އެންމެ އަހަރަކު ކަމަށާއި މީގެން ދައްކައި ދެނީ އިންޑަސްޓްރީ ކުރިއަރުވަން ކުރެވޭ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް އެންމެ ގިނައިން މިހާތަނަށް ޓޫރިސްޓުން އައިސްފައިވަނީ 2019 ވަނަ އަހަރުއެވެ. އެއީ 1.7 މިލިއަން ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން އައިސްފައިވާއިރު އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. ދެވަނަ އެންމެ ގިނައިން ޓޫރިސްޓުން އައީ އިނގިރޭސި ވިލާތުންނެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިންނެވެ.